ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާ، މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މަހުލޫފުގެ އަޑުއެހުން ޝެޑިއުލް ކޮށްފައިވަނީ މިއަދު ހެނދުނު 9:00 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުލޫފްގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ.

މިއަދު ޝަރީއަތް ކެންސަލްކޮށްފައި ވާއިރު މަހުލޫފު މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދެއްވުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

މީގެ ކުރިންވެސް މަހްލޫފްގެ މައްޗަށް 2019 ގައި ދައުވާކުރަން ފޮނުވިއިރު، ދައުލަތުން ވަނީ އޭރު ކުޑަ ދުވަސްކޮޅަކަށް މަހްލޫފް ސަސްޕެންޑު ކޮށްފައެވެ. އޭގެ ފަހުންވެސް މަހްލޫފް މިދިޔަ ޖޫން މަހު މަގާމުން ސަސްޕެންޑު ކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ގޮތެއް ނިންމުން ލަސް ކަމަށް ބުނެ، އޭނާގެ ސަސްޕެންޝަން ވަނީ އޭގެ ހަތަރު މަސް ފަހުން އުވާލާފައެވެ.