ލ. އިސްދޫ ކަލައިދޫ، އަދި ދަނބިދޫ ގުޅާލާ ކޯސްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަނބިދޫގެ ކައުންސިލުން އެދިއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ރައީސާ ބައްދަލުކުރައްވައި ދަނބިދޫގެ ކައުންސިލުން ވަނީ އެ ރަށުގެ ތަރައްގީ އަށް ކުރެވެމުންދާ މަސައްކަތްތަކާއި އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ މައުލޫމާތު ރައީސާ ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމުގައި، އަދުގެ ސަރުކާރުން ދަނބިދުއާ މެދު ބަހައްޓާ ގާތްކަން ފާހަގަކޮށް އެ ރަށު ކައުންސިލުން ވަނީ ރައީސަށް ޝުކުރު އަދާކޮށްފައެވެ. އަދި މިހާރު ދަނބިދުއަށް ދިމާވެފައިވާ ބައެއް ދަތިތައް ވެސް ރައީސާ ހިއްސާކޮށްފައިވެއެވެ. އެގޮތުން:

  • ދަނބިދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަ ހުރުން
  • ސިއްހީ މަރުކަޒުގައި މުވައްޒަފުން މަދުވެ، ލެބޯޓަރީއެއް ނެތުން
  • އެ ރަށު ސްކޫލްގައި ލައިބްރަރީއެއް ނެތުން
  • ރަށް ގިރުން
  • ފުލުހުންގެ ހިދުމަތް ނެތުން
  • މިސްކިތުގައި ޖާގަ ނެތުން
  • ނެރު ބައްތި ނެތި، ނެރު ތިލަވުމުން އާންމުންނަށް އުނދަގޫ ވުން

އޭގެ އިތުރުން ދަނބިދޫގައި ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާ ކަމަށާއި، އެ ރަށާއި އިސްދުއާއި، ކަލައިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ރައީސްގެ އަރިހުގައި ދަނބިދޫގެ ކައުންސިލުން ވަނީ އެދިފައެވެ.

ރައީސް ވިދާޅުވީ، ދަނބިދޫގެ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ހައްލުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވައި އެކަން ބައްލަވައިދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އެ ރަށު ކައުންސިލާ ހިއްސާކުރައްވައިފައެވެ.