ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ހިފަހައްޓަން ހަދިޔާ ބައްސަވާ ކަމަށް ޕީޕީއެމްގެ ލީޑާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.
ރޭ ކާނިވަލުގައި އިދިކޮޅުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ޓިކެޓްގައި ވާދަކުރައްވަން ކޯލިޝަނެއް ހައްދަވަން ޖެހިވަޑައިގަންނަވާނަމަ އެކަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ކޯލީޝަނެއް ދަމަހައްޓަން ދިވެހިންގެ ފަރުތަކާއި ދިވެހިންގެ ރަށްތަކާއި ދިވެހިންގެ މުދާ ހިތު ހުރި ގޮތަކަށް ބަހާ ހެދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ސޯލިހް ވެރިކަމަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، އެއްވެސް ކޯލިޝަނަކީ މިހާތަނަށް ހިފެހެއްޓުނު ކޯލިޝަނެއް ނޫންކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވާ ކަމަށާއި ނަމަވެސް މިހާރު އޮތް ސަރުކާރު ކޯލިޝަން ދަމަހައްޓަވާފައި ވާ ކަަމަށް ރައީސް ސޯލިހް ވިދާޅުވާތީ އެކަން ކުރައްވަމީ ކިހިނެއްތޯ އައްސަވާފައެވެ. އަދި އެ ހައްދަވާ ޖާދޫ (މެޖިކް) ބަލާލަން ޖެހޭ ކަމަށްވެސް ވިދާޅުވެއެވެ.
އެންމެ ކައިރިން ބުރަކައްޓަށާއި އަރިކައްޓަށް ހަންޖަރުތައް ޖަހާއިރު ކޯލިޝަން ހިފަހައްޓާނީ ކިހިނެއްތޯ ޔާމީން އެއްސެވިއެވެ. އަދި އެކަން ކުރައްވަނީ ފަޅުތަކާއި ރަށްތަކާއި ހަދިޔާތަކާއި ސެޓްލްމަންޓްތަކާއި ވެންޓިލޭޓަރުތައް އަތްޕުޅު މައްޗަށް ލައްވައިގެން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދި މި ސަރުކާރު ހިންގާ ކޯލިޝަނަކީ އިހްލާސްތެރި ކޯލިޝަނެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެސް ކޯލިޝަނަށް ވަދެ އުޅެނީ އެމީހެއްގެ ބައި ބޮޑު ކުރަން ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން ނެތް ކަމަށް އެމަނިކުފާނު ވަކާލާތު ކުރައްވާ ކަމަށާއި އެމަނިކުފާނާ އެކު ތިއްބެވި ބޭފުޅުން ވެސް އެކަމަށް ވަކާލާތު ކުރައްވާ ކަމަށެވެ. ދިވެހިރާއްޖޭގެ ހާރިޖީ މިނިވަން ކަމާއި ދާހިލީ މިނިވަން ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ. ހަަމއެއާއެކު ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ މިނިވަން ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސިޔާދަތެއް ދިވެހިރާއްޖޭގެ ދައުލަތުގައި ނެތް ކަމަށާއި ދިވެހިރާއްޖޭގެ ރައީސްގެ އަތްޕުޅުގައި ދިވެހިރާއްޖެ ހިމާޔަތް ކުރުމުގެ ބާރެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.