ށ. ފޭދޫގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ކަންކަން ވައުދުތަކާ އެއްގޮތަށް ނިންމަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ފޭދޫ ކައުންސިލާ ބައްދަލުކޮށް، ރައްޔިތުންގެ ބޭނުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ރައީސް ވިދާޅުވީ، އެފަދަ މަޝްވަރާ ބައްދަލުވުމެއްގެ ފުރުސަތު ލިބުމަކީ ލިބިވަޑައިގެން އުފަލެއް ކަމުގައި ދެކިވަޑައިގަންވާ ކަމަށެވެ. ފޭދޫގެ ތަރައްގީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއވެ.
ރައީސް ސޯލިހް ވަނީ ށ. ފޭދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ މިއަދު ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ އެރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާ ކަން ފާހަގަ ކޮށްފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ދިނުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުން މަސައްކަތް ކުރެވޭނެ މަގުފަހިކޮށް ދިނުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ވަނީ އެދިފައެވެ. މީގެ އިތުރުން މިހާރު ތަރައްގީ ކުރަމުންދާ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫއު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެވިގެންދާނެ ކަމުގައި ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވައި ބައްލަވައި ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
2018 ވަނަ އަހަރު ރައީސް ސޯލިހް ކެމްޕެއިންނަށް އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވި ހުރިހާ ވައުދެއް ފުއްދަވައިދެއްވަމުންދާ ކަން ފޭދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެ ވައުދުތަކުގެ ތެރޭގައި ފޭދޫ ފުޓްސެލް ދަނޑާއި، ސްކޫލާއި، ބަނދަރާއި، ނަރުދަމާގެ ނިޒާމާއި، އިންޖީނުގެ ތަރައްގީ ކުރުމުގެ މަޝްރޫތައް ވަނީ ފެށިފައި ކަމަށާއި އަދި އެ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ވަނީ ނިމުމަކާ ވަރަށް ގާތަށް ގޮސްފައި ކަމަށް އެ ކައުންސިލުން ބުނެއެވެ. މި ހުރިހާ ވައުދެއް ފުއްދަވައި ދެއްވަމުން ގެންދަވާތީ ފޭދޫ ރައްޔިތުންގެ ނަމުގައި ހާއްސަ ޝުކުރެއް ވެސް ވަނީ ރައީސް ސޯލިހަށް އަދާ ކުރައްވާފައެވެ.