ށ. އަތޮޅު ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެ 15 އަހަރުގެ ކުއްޖާގެ މަންމަ، އާއި އެ ކުއްޖާގެ ދޮންބައްޕަގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރާއި 6 މަހަށް ޖަލަށް ލާން ހުކުމް ކޮށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅައިފިއެވެ.
މި މައްސަލައިގެ ދައުވާ އެންމެ ފުރަތަމަ އުފުލީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދެވަނަ ފަހަރަށް މި ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގައެވެ.
ކްރިމިނަލް ކޯޓުން ބުނީ، ގާނޫނު ނަންބަރު 1/66 ގެ ޗެޕްޓަރު 3 ގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން، 15 އަހަރުގެ އަންހެންކުއްޖާގެ މަންމައާއި ދޮންބައްޕަ މައްޗަށް ދައުލަތުން ދައުވާކުރި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާއަށް އެ ދެމީހުން އިންކާރު ކުރި ނަމަވެސް، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާ އިރު، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ މައްސަލައެއް ކަމުގައި ކަނޑައަޅާ ކަމަށެވެ. އެގޮތުން އެ ދެމީހުންގެ މައްޗަށް ކުއްޖަކު މެރުމުގެ (ޝިބްހު އަމްދުގެ ކުށް) ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 10 އަހަރާއި 6 މަސް ދުވަހަށް އެ ދެމީހުން ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރުމުގެ އުސޫލު) ގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ ދެމީހުންގެ މައްޗަށް ކަނޑައެޅޭ މަރުގެ ދިޔަގެ އަދަދަކީ އެއް މިލިއަން ރުފިޔާކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެ ފައިސާ މިއަދުން ފެށިގެން އެއް އަހަރުތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގާފައެވެ.
މި ކުށުގެ ކައްފާރާގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު) ގެ 43 ވަނަ މާއްދާގެ ދަށުން، ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަކީ އެ ދެމީހުންނަށް އޮތް ކަމެއް ކަމަށް ވާތީ، އެކަން ކުރުމަށް ނަސޭހަތްތެރިވެ ވަނީ ހުކުމް ކޮށްފައެވެ.
މިއީ 2012 އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ށ. އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ވިހެއި ތުއްތު ދަރިފުޅު މަރާލި މައްސަލައެވެ. އެ އަންހެންކުއްޖާ ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށް ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވެއެވެ. އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާ އިރު، އެ ކުއްޖާ ބަލިވެ އިންކަން ސިއްރުކޮށް އޭނާ ވިހަން އުޅޭކަން އެނގުމުން ވެސް އެ ދެ މީހުން އޭނާ ހޮސްޕިޓަލަށް ފޮނުވާފައެއއް ނުވެއެވެ. މީގެ އިތުރުން ސިއްހީ ގޮތުން އެކަށީގެން ނުވާ ގޮތަކަށް އެކުއްޖާ ވިއްސާފައިވާ އިރު، ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަނީ ވަޅުލާފައެވެ. އެ ކުއްޖާ މަރުވެފައި ވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވެއެވެ.