35.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި ށ. ފޭދޫ ބަނދަރުގެ މަސައްކަތް ނިންމައިފިއެވެ.

ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 25,456 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 9,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތްކޮށްފައިވެއެވެ. އަދި 280 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރަށް 317 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 1,782 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ކޮށްފައިވާއިރު މޫރިން ބޯއީސް ހަރުކުރުމާއި ނެރު ބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކޮށްފައިވެއެވެ.

މޫސުން ގޯސް ދުވަސްވަރު ފޭދޫގެ ބަނދަރު ބޭނުންކުރުމަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ބަނދަރު ނިމުމާއެކު ހައްލު ލިބިގެންދާނެކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ މި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުން ފޭދޫ ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައިވާއިރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.