ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫއަށް ވަޑައިގެން އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.
އެގޮތުން ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި، ފީވަކު ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އިތުރުން ފޭދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
އެމްޓީސީސީން ބުނީ ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވާކަމަށާއި، މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށުގެ ރައްޔިތުންނަށް ލިބި ރަށް ގިރުމުގެ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށެވެ/ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 320 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 340 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިއީ 25.09 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އިތުރަށް އެމްޓީސީސީން ބުނީ ފީވަކު ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށާއި، މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 6997 އަކަފޫޓުގެ ސަރަހައްދެއްގައ،ި 19 ކްލާސް ރޫމް ހިމެނޭ 3 ފަންގިފިލާގެ އިމާރާތެއް ކުރެވޭނެ ކަމަށާއި، އަދި 4736 އަކަފޫޓުގެ ސަރަޙައްދެއްގައ،ި 2 ފަންގިފިލާގެ އޮފީސް އިމާރާތެއްވެސް އެޅިގެންދާނެ ކަމަށެވެ. މީގެއިތުރުނ،ް 8719 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މަލްޓި ޕާޕަސް ހޯލަކާއ،ި 97 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ ސެކިއުރިޓީ ރޫމެއް އިމާރާތް ކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 58.89 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާ ނިންމާލާފައެވެ.