ށ. ފޭދޫ އަދި ފ. ދަރަނބޫދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޓީސީސީން ބުނީ ފޭދޫ ސްކޫލްގައި 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ މަޝްރޫއު މިއަދު އެ ކުންފުންޏާއި ހަވާލުކޮށްފައިވާކަމަށާއި، މި މަޝްރޫއުގެ ދަށުން، 9,320 އަކަފޫޓުގެ ސަރަހައްދެއްގައި 8 ކްލާސްރޫމާއި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.
ފޭދޫ ސުކޫލުގެ މި މަޝްރޫއަކީ 22.09 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފޭދޫ ސްކޫލުގެ ޖާގަ ބޮޑުވެ މިހާރަށްވުރެ ގިނަ ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިއީ ތައުލީމީ ފުރުސަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނޭ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުލްލަތީފް މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ށ. ފޭދޫގެ އިތުރުން ފ. ދަރަނބޫދޫ ސްކޫލްގައި 3 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހެދުމުގެ މަޝްރޫއުވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެގޮތުން މިއީ 22.70 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 17,140 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ 3 ކްލާސްރޫމާއި 2 ފަންގިފިލާގެ މަލްޓިޕާޕަސް ހޯލެއް ހަދާނެކަމަށެވެ.
ދަރަނބޫދޫ އަކީ ތައުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ދަރަނބޫދޫ ސްކޫލުގެ ޖާގަ ބޮޑުވެ މިހާރަށްވުރެ ގިނަ ދަރިވަރުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ތައުލީމީ ޖީލެއް ބިނާ ކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
