މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ ފަރާތުން މެދުހެންވޭރު ދާއިރާ ތަމްސީލްކުރާ މެންބަރު އަލީ އާޒިމް ސިޓީ އެއް ފޮނުއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި އާޒިމް ތުހުމަތު ކުރައްވާ ގޮތުގައި، އެ ޕާޓީގެ ކޮންގްރެސް އަށް ޕާޓީގެ ގޮފިތަކުން ހޮވާފައިވާ ގިނަ މަންދޫބުން ހޮވާފައި ވަނީ ގަވައިދާ ހިލާފަށެވެ.

އާޒިމް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސް ކަމަށެވެ. އެގޮތުން ކޮންގްރެސް އެކުލެވިގެންވާ ގޮތަށް ބަލާލާއިރު، ގޮފިތަކުގެ ރައީސުންނަށް ބައިވެރިވެ ވޯޓު ދިނުމުގެ ފުރުސަތު ދެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ސިޓީގައި އޭނާ ވިދާޅުވި ގޮތުގައި، އެ ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހޭނީ ގޮފި ގަވައިދުގައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ފަހުގައެވެ. އަދި ކޮންގްރެސްގައި ބައިވެރިވާ ގޮފީގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބުކުރެވިފައި ވާން ވާނީ އެ އުސޫލުން ކަމުގައި ވިދާޅުވިއެވެ.

ނަމަވެސް، ގިނަ މަންދޫބުން އިންތިހާބުކޮށްފައި ވަނީ ގޮފި ގަވައިދާ ހިލާފަށް ކަމަށް ތުހުމަތު ކުރައްވައި އާޒިމް ވިދާޅުވީ، ގޮފިތަކުން ތަމްސީލްކުރާ ފަރާތްތަކުގެ މައުލޫމާތު އަދިވެސް ހިއްސާނުކުރާ ކަމަށެވެ. ވުމާއެކު، އެ ފަރާތްތަކުން އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުމަށް ޖާގަ ދެވިގެން ދާނެ ކަމަށެވެ. އަދި ޕާޓީގެ ގިނަ މެންބަރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އޭނާ އެދިވަޑައިގަތީ މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށެވެ.

ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި 1،400 މަންދޫބުން ބައިވެރިވެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެކުލެވިގެންވާ ގުނަންތައް:

  • ޕާޓީގެ އިސް ލީޑަރު / ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
  • ޕާޓީގެ ރައީސް / މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު
  • ކެބިނެޓުގައި ތިއްބަވާ އެމްޑީޕީގެ ވަޒީރުން
  • ޕާޓީގެ ލީޑަޝިޕް
  • ގައުމީ މަޖިލީހުގެ މެންބަރުން
  • ދާއިރާތަކާއި ގޮފިތައް ތަމްސީލްކުރާ ރައީސުން ނުވަތަ ނައިބު ރައީސުން
  • ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހު

ކޮންގްރެސްގައި ހުށަހަޅާ ހުށަހެޅުންތަކަށް ވޯޓު ދިނުމުގެ ހައްގު މި ހުރިހާ ފަރާތްތަކަށް ލިބިގެންވެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައިވާ އެންމެ މުހިންމު ހުށަހެޅުމަކީ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ނަޝީދު ހުށަހެޅުއްވި ގަރާރެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާ އެކު ހުށަހެޅުއްވި ގަރާރުގައިވާ އިސްލާހުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެ އިސްވެރިޔަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ އެ މަޖިލީހުގެ ތާއީދު އޮންނަ ބޮޑުވަޒީރެއް ކަމުގައި ހަމަޖެއްސުމާއެކު ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސް ކަމަށް ކަނޑައެޅުން ހިމެނެއެވެ.

ނަމަވެސް، އެ ގަރާރު އަނބުރާ ގެންދިއުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވައި ރައީސް ވިދާޅުވީ، މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.