ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ލޮޓް ނަންބަރު 11252 ގޭގެ 4 ވަނަ ފަންގިފިލާގައެވެ.

އެމްއެންޑީއެފުން ބުނީ، އެ އަލިފާނުގެ ހާދިސާ ހިންގާފައި ވަނީ އެގޭގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 2:09 ހާއިރު އެމްއެންޑީފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ހުޅުލޭ ފަޔާ ސްޓޭޝަންގެ ފަޔަމަނުން ހަރަކާތްތެރިވެފައި ވާ ކަމަށާއި އެގޭގެ ބަދިގޭގައި އުދާފައި ހުރި ތެލީގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މެންދުރު ފަހު 2:21 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންތް އޮތޯރިޓީން ބުނީ، ހުޅުމާލެ ލޮޓް 11252 ގެ 4އޭ އެޕާޓްމަންޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިިިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީ ތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެގެގ ބަދިގޭގެ ގިނަ ސާމާނުތައް ވަނީ އަނދާ ބޭނުން ނުކުރެވޭ ވަރު ވެފައެވެ. ނަމަވެސް މި ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.