ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ޝީޝާގެ ތިން ބެއިންގެ ޖޮއިންޓް އެކައުންޓަކުން 18 މިލިއަން ރުފިޔާ ނެގި ކަމަށް، އެ މައްސަލައިގައި ސަލާމަތްވި މީހެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެ ޖޮއިންޓް އެކައުންޓުން 18 މިލިއަން ރުފިޔާ ނަގާފައިވަނީ 2011 ވަނަ އަހަރު، ފޯޖުކޮށްފައިވާ ސޮއެއް ބޭނުންކޮށްގެންނެވެ.

އެ މައްސަލައިގައި ބ. ތުޅާދޫ މާފަރިވާގެ، އިބްރާހީމް ޝާހިދުގެ މައްޗަށް ކުރި މަކަރާއި ހީލަތުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި ވަނިކޮށް ދައުލަތުން އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންވެ، އެ މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވާ ކަމަށް ހައި ކޯޓުން ހުކުމްކުރީއެވެ.

އިއްޔެ ހައި ކޯޓުން ކުރި ހުކުމްގައި ބުނީ:

  • ފޯޖްކުރި ލިއުމެއް ބޭނުންކޮށް އެ ފައިސާ ޓްރާންސްފާކޮށްފައި ވަނީ ޝާހިދާއިި އިތުރު މީހެއްގެ ނަމުގައި އޮތް ބީއެމްއެލްގެ ޖޮއިންޓް އެކައުންޓަކަށް ކަމަށް
  • އެ އެކައުންޓަށް ފައިސާ ޖަމާވުމުން ތިން ފަހަރެއްގެ މަތިން އެތައް މިލިއަން ރުފިޔާ އެއް ނެގޭ ގޮތަށް ޗެކު ދޫކޮށް އެ ފައިސާ ނަގާފައިވާ ކަމަށް
  • އެ އެކައުންޓް ބޭނުންނުކުރާތާ އެތައް ދުވަހެއް ވީ ފަހުން އެ އެކައުންޓް ބޭނުންކުރިޔަސް އެންމެ ރަނގަޅުތޯ، ޖޮއިންޓް އެކައުންޓް ހުޅުވި ދެވަނަ މީހާގެ ގާތުގައި ޝާހިދު ސުވާލުކުރި ކަމަށް
  • އެއަށްފަހު އެ އެކައުންޓުން ފައިސާ ނެގޭ ގޮތަށް ޗެކުތަކެއް ލިޔެގެން ޝާހިދު އެ މީހާ ގާތަށް ދިއުމުން އެ ޗެކުތަކުގައި ސޮއިކުރިކަމަށް އޭނާ ބުނެފައިވާ ކަމަށް

ހުކުމްގައިވާ ގޮތުން، އެ އެކައުންޓަށް ޖަމާވި ފައިސާ ބޭނުންކޮށްގެން ޝާހިދުގެ ލޯނުތައް އަދާކުރި ކަމަށް އޭނާ އާ އެކު ޖޮއިންޓް އެކައުންޓް ހުޅުވި މީހާގެ ގާތު ބުނެފައިވެއެވެ. އަދި ޝާހިދުގެ އެކައުންޓްގެ ބަދަލުގައި ޖޮއިންޓް އެކައުންޓަށް ފައިސާ ޖަމާކުރާ ސަބަބު އޮޅުންފިލުވުމަށް އެ މީހާ ސުވާލުކުރި ކަމަށް އެ މީހާގެ ހެކިބަހުން އެނގޭ ކަމަށް އެ ހުކުމުގައިވެއެވެ.

ހަމަ އެއާއެކު، އެސްބީއައި އަށް ފޯޖުކުރި ލިޔުންތަކެއް ފޮނުވީ ޝާހިދު ނޫން ކަމަށް ބުންޏަސް، އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނުދެއްކޭ ކަމަށާއި، ދައުލަތުން އޭނާ އާ ދެކޮޅަށް ހެކި ހުށަހެޅިއިރު، ތަހްގީގުގެ މަރުހަލާގައި އޭނާ ހަނު ހުރުމުން، ދައުލަތުގެ ހެކިތަކަށް އިތުރު ބާރެއް ލިބޭ ކަމަށް ވެސް އެ ހުކުމްގައި ބުންޏެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން، ޝާހިދުގެ ގެ ފާސްކުރުމަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށްވާތީ، އެ ގެއިން ހޯދި ހެކިތަކެއް ބަލައެއް ނުގަނެވޭނެއެވެ. ނަމަވެސް، ހައި ކޯޓުގެ ހުކުމްގައި ބުނީ، އެ ގެއަށް ފުލުހުން ވަނީ ޝާހިދުގެ ހުއްދައާ އެކުގައި ކަމަށްވާތީ ކޯތު އަމުރެއް ބޭނުންނުވާނެ ކަމަށެވެ. އެހެންވެ، އެ ގެއިން ހޯދި ހެކިތަކަކީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބެލިޔަސް، އެ ގެއަށް ނުވަދެ ހޯދި ހެކިތަކުން ވެސް ޝާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް، ހުކުމްގައިވެއެވެ.

ޝާހިދުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އަދަބު ކަނޑައެޅެންދެން އޭނާ 10 ދުވަހަށް ބަންދުކުރަން ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި، ހަސަން ޝަފީއުއެވެ.

އެ މައްސަލައާ ގުޅިގެން ޝާހިދު 2012 ވަނަ އަހަރު ހައްޔަރުކުރީ ސްރީ ލަންކާގައި ހުއްޓައި، އިތުރު ބަޔަކާ ވެސް އެއްކޮށެވެ. ނަމަވެސް ޝާހިދު ފިޔަވައި އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ކުށް ސާބިތެއް ނުވެއެވެ.

އެ މައްސަލައިގައި ޝީޝާގެ ތިން ބެއިން އެސްބީއައި އާ ދެކޮޅަށް ދައުވާކުރިއެވެ. އަދި އެކައުންޓުން ގެއްލުނު ފައިސާގެ ތެރެއިން ނުލިބިވާ 13 މިލިއަން ރުފިޔާ އެސްބީއައިގެ ފަރާތުން ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން 2018 ގައި ހުކުމްކުރިއެވެ.