ނ. މަނަދޫގައި 40 ހައުސިން ޔުނިޓް އަޅަން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

މި މަޝްރޫއުގެ ދަށުން މަނަދޫގައި ތަރައްގީރާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓު ހުންނާނެއެވެ. އަދި މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ.

މީގެ އިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވޭނެ ކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމުކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއަކީ 270 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 40.3 މިލިއަން ރުފިޔާއަށެވެ.