ޖުމުހޫރީ ޕާޓީ އަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީ އަށް ޒުވާނުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާއަށް ފަހު "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ ޖޭޕީއަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި ޖޭޕީގެ އަމާޒަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން ކަމަށެވެ.

އެ އަމާޒުގައި ޖޭޕީ ކުރިއަށްދާ ނަމަ އެ ޕާޓީއަށް މެމްބަރުން އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ. އަދި ނަހުލާ ވަނީ އޭނާގެ ސިޔާސީ މަސައްކަތް ފެއްޓެވީ އަނިޔާވެރި ސަރުކާރެއް ބަދަލުކޮށް ރައްޔިތުން އެދޭ، ތާއިދުކުރާ ސަރުކާރެއް ގެނެއުމަށް ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން އިއުލާން ކޮށްފައި ވާއިރު އެ ޕާޓީން މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖޭޕީގައި މިވަގުތު ތިބީ 20،139 މެމްބަރުން އެބަ ތިއްބެވެ.

ރޭ ޖޭޕީއަށް ސޮއިކުރީ ކިތައް މީހުން ކަމެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ. ނަމަވެސް ރޭ އާންމު ކުރި ފޮޓޯއިން ފެންނަނީ ޕާޓީގެ ލީޑާޝިޕްގެ މެންބަރުންގެ އިތުރުން ރޭ ސޮއި ކުރި 2 މީހެކެވެ.