ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑުގެ މަޝްހޫރު ތަރި އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންހް ޗައްޑާ" ރިލީޒް ކުރާތީ ހުންނަނީ ނުނިދާ ހޭލާ ކަމަށް އޭނާ ބުނެފިއެވެ.

ބަތަލާ ކަރީނާ ކަޕޫރު އާއެކު ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި ރިލީޒް ކުރަން ނިންމާފައި ވަނީ މިއަދުއެވެ. އާމިރު ބުނީ އޭނާގެ މި ފިލްމު ރިލީޒް ކުރުމުން ލިބޭނެ ކޮމެންޓްތައް އަޑުއަހާ ހިތުން ނުނިދޭ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ހާސްވެފައި. 48 ގަޑިއިރު ވެއްޖެ ނުނިދޭތާ. ފިލްމާ ދޭތެރޭ ހަމަ ވިސްނެނީ. ނުނިދާ ހުރެ ފޫހިފިލުވަން އޮންލައިން ކޮށް ތާސްކުޅެ ފޮތް ކިޔަނީ މި. އަހަރެންނަށް ނިދޭނީ ފިލްމު ރިލީޒް ކުރީމަ،" އާމިރު ބުންޏެވެ.

މިދިޔަ ހަފްތާގައި ދެއްކި "ކޮފީ ވިތު ކަރަން" ގެ ސީޒަން ހަތެއްގައި އާމިރު އާއި ކަރީނާ ބައިވެރިވެ ބުނީ މި ފިލްމަށް ބޮޑެތި އުންމީދުތަކެއް ކުރެވޭ ކަމަށެވެ.

އާމިރު ބުނީ އޭނާގެ ފިލްމެއް ތިއޭޓާތަކުގައި ރިލީޒް ކުރާއިރު ސިއްރު ސިއްރުން ތިއޭޓަރަށް ވަދެ އާންމުންގެ ރިއެކްޝަން ބަލާކަމަށެވެ. މި ފިލްމު ވެގެންދާނީ ވަރަށް ތާރީހީ ފިލްމަކަށެވެ. ބޮލީވުޑްގެ ތިން ހާނުން ކަމަށްވާ ސަލްމާން ހާން، އާމިރު ހާން އަދި ޝާހުރުކް ހާން ވެސް މި ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގައި ޝާހުރުކް ފެނިގެން ދާނީ "ރާޖް" ކިޔާ ކެރެކްޓާއަކުން ކަމަށާއި ސަލްމާން ފެނިގެން ދާނީ "ޕްރޭމް" ކެރެކްޓާއިން ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދްވައިތު ޗަންދަން އެވެ.

މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. ކުޅަދާނަ އެކްޓަރު އާމިރު ވަނީ އާންމުންނާ ހަމައަށް މަގްބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި "ތާރޭ ޒަމީން ޕަރް"، "ތްރީ އީޑިއަޓްސް" އަދި "ޑަންގަލް" ހިމެނެއެވެ. މި ފިލްމަށްފަހު އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އާނަންދު އެލް ރާއީގެ ފިލްމަކުންނެވެ.