އާމްދަނީން ނަގާ ޓެކްސް ދަށްކުރުމާއި، ޖީއެސްޓީ އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން ވެސް ލަފާ ދީފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ޕަބްލިކް އެކްސްޕެންޑިޗާ (ޕީއީއާރު) ރިޕޯޓުގައި ބުނީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރި އަސަރުތަކަށް ފަހު، މިހާރު ރާއްޖޭގެ އިގްތިސޯދު އޮތީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ. ވުމާއެކު، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާކޮށް، ދެ ފުށް ފެންނަ ގޮތަކަށް ދަރަނީގެ ކަންކަން ބަލަހައްޓައި، އާމްދަނީ ހޯދުމަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ވޯލްޑް ބޭންކުން އިތުރަށް ބުނި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު، ދައުލަތުގެ ހަރަަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތަކަށް އިންވެސްޓުކުރުމަށެވެ. ވޯލްޑް ބޭންކުން ބުނީ، އެ އިންވެސްޓްމެންޓްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ، ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމެންޓްތަކަށް ހެދުމަކީ ދައުލަތުގެ ދަރަނި އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ވުމާއެކު، މިފަދަ އިސްލާހުތައް ގެނައުން މުހިންމުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމަ އެއާއެކު، އެ ރިޕޯޓުގައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ބައެއް ކަންކަން ކުރުމަށް ލަފާ ދީފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އާމްދަނީން ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުން
  • ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް މަތިކުރުން
  • ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން
  • އެސްއޯއީތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް ހަރުދަނާކޮށް މޮނިޓާ ކުރުން

މި ކަންކަން ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެ ކަމަށް، ވޯލްޑް ބޭންކުން ރާއްޖެއާއި ލަންކާގެ އިތުރުން، ނޭޕާލަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

"ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔަން. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށް."
ޑރ. ފާރިސް ހަދާދު-ޒާވޮސް | ކަންޓްރީ ޑިރެކްޓަރު, ވޯލްޑް ބޭންކް

ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ދައުލަތުގެ ހަރަދުތައް ބެހުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށް، ވޯލްޑް ބޭންކުން ބުނެއެވެ.

އަދި އަލަށް އެކުލަވާލި ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ ރަނގަޅު މިސްރާބަކަށް އެޅުނު ފުރަތަމަ ފިޔަވަޅު ނަމަވެސް، އެ އިސްލާހު ކާމިޔާބު ކުރުމަށްޓަކައި މުސާރަތަކަށް ކުރާ ހަރަދު ކޮންޓްރޯލް ކޮށް، އެނޫން ވެސް އިސްލާހުތައް ގެނައުމަށާއި، ސިވިލް ސާވިސްގައި "ޑަބަލް ޕެންޝަން" ނައްތާލައި ޕެންޝަން ނިޒާމުން ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި މިހާރު ރިޓަޔާކޮށްފައިވާ ފަރާތްތަކަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ ފަރާތްތަކަށް، މި ސްކީމްގެ ދަށުން ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ވެސް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.

މިއީ 20 އަހަރު ފަހުން ވޯލްޑް ބޭންކުން ރާއްޖެއަށް ހާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.