ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގިރި އާއެކު އެއްޖިއްސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އެމްޑީއެފްގެ މުވައްޒަފެއް ސަސްޕެންޑް ކޮށްފިއެވެ.

އެމްއެންޑީއެފުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތާއެކު އެއް މުވައްޒަފަކަު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުވައްޒަފާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އެމްއެންޑީއެފަކުން ނުދެއެވެ.

އަލަމްގިރިއާ އެކު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ވަޒީފާ އަދާ ކުރާ އޮފީސްތަކުން އެމީހުން ވަޒީފާއިން އެކަހެރި ކުރުމާއި، އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަ ކުރަމުން ދެއެވެ. އެގޮތުން މިހާތަނަށް މި މައްސަލައިގައި ގިނަ ވީޑިއޯތަކެއް އާންމުވެފައިވާ އިރު، އޭގެ ތެރޭގައި ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.

އޭގެ ފަހުން ވަނީ ގުރޫޕް ހަދައިގެން ތިން މީހަކު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ މީހުންކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެކެވެ. ހަމައެއާއެކު މަޖިލީހުގެ ޖޫނިއާ ސްޓާފަކާއި ކަސްޓަމްސްގެ ދެ އޮފިސަރެއް ވެސް ވަނީ އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅިގެން ވަޒީފާއިން އެކަހެރިކޮށްފައެވެ.

އެންމެފަހުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުންހިންގާ ކަމަށް ތުހުމަތު ވާ ވީޑިއޯ ލީކުވެފައި ވާތީ އޭނާ ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު އާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވަނީ ހައްޔަރު ކޮށްފައެވެ. އަދި އަލަމްގިރް ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.

ނޫސްވެރިޔާ ނަސީރު ހައްޔަރު ކުރީ އަލަމްގިރި އާ އެކު ގުޅުން ހިންގައިގެނެއް ނޫނެވެ. އެހެން ކަމުން އަލަމްގިރި މައްސަލައިގައި ތިބީ 3 މީހުންނެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާރު 18 މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.