ޔޫގެންޑާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ. އެކަން އެގޮތަށް އޮތުމުގެ އިތުރުން ދާދިފަހުން ވަނީ އެ ކުށުގައި މީހަކު ކުށްވެރިވެއްޖެ ނަމަ އުމުރަށް ޖަލަށް ލާ އިސްލާހެއް ގާނޫނަށް ގެނެސްފައެވެ.
މިއިސްލާހާއެކު ވޯލްޑު ބޭންކުން ބުނަނީ، ޔޫގެންޑާގެ ކޮންމެ ރައްޔިތަކަށް ވޯލްޑް ބޭންކުގެ އެހީ ފޯރާކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި، އެ ގާނޫނުގެ ސަބަބުން އެފުރުސަތު ގެއްލިގެން ދާ ކަމަށެވެ.
ވޯލްޑް ބޭންކުގެ ނިންމުމާ ގުޅިގެން ޔުގެންޑާއިން ބުނީ، އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި އަމިއްލަ އެދުން ބޮޑު ނިންމުމެއް ކަމަށެވެ.
ޔުގެންޑާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެޑޯނިއާ އަޔޭބަރޭ ވިދާޅުވީ، މިއީ ވޯލްޑް ބޭންކް މަސައްކަތް ކުރާ ގޮތާއި އެ ބޭންކުގެ ބޯޑު މެންބަރުންގެ ވިސްނުން ހުންނަ ގޮތާމެދު ވިސްނަން ވީ ވަގުތު ކަމަށެވެ. ޔުގެންޑާގެ މައްޗަށް އެ ބޭންކުން ނިންމި ނިންމުމަކީ ހަރުކަށީ ނިންމުމެއް ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
ޔުގެންޑާގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އުމުރަށް ޖަލަށް ލުމުގެ އިތުރުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގައިފި ނަމަ އާއި އެފަދަ ގުޅުމެއްގެ ސަބަބުން އެޗްއައިވީ ވައިރަސް އެރިކަން ސާބިތުވެއްޖެ ނަމަ މަރުގެ އަދަބުވެސް ދެއެވެ.
ޔުގެންޑާއަށް އެހީ ދިނުން މުރާޖައާ ކުރުމަށް ވޯލްޑް ބޭންކުގެ ޓީމެއް ހުސްވި މެއި މަހު ވަނީ އެގައުމަށް ގޮސްފައެވެ. އެއަށް ފަހު އިއްޔެ އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔޫގެންޑާގެ ގާނޫނުތައް ހުރީ ބޭންކުން ގަބޫލު ކުރާ ހަމަތަކާ ހިލާފަށް ކަމަށެވެ. އެގޮތުން ފާހަގަ ކުރީ، ބޭންކުން އެހީދިނުމުގައި މީހާގެ ނަސްލަކަށް، ޖިންސަކަށް އަދި އެމީހަކު ޖިންސީ ގުޅުން ހިންގަނީ ކާކާތޯ ނުބަލާނެ ކަމަށެވެ. އެހެން ކަމުން އާ ގާނޫނާއެކު އަމަލުކުރަމުން ދާ ސިޔާސަތުގެ ސަބަބުން، ޔުގެންޑާއަށް އެހީދޭން ބޭންކުގެ ބޯޑަށް ނުފެންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައިގައި ޔޫގެންޑާގެ އޮފިޝަލުން އިތުރަށް ސުވާލު އުފައްދަމުން ބުނެފައި ވަނީ، މެދުއިތުމަތީގެ ގައުމުތަކަކީވެސް އެއްޖިންސުން ގުޅުން ހިންގުން މަނާ ގައުމުތައް ކަމަށާއި، އެފަދަ އަމަލުތައް ކުރާ މީހުން މަރަނީ ދަންޖައްސައިގެން ކަމަށެވެ. އަދި އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ވެސް އެއީ މަނާ ކޮށްފައި އޮންނަ އަމަލެއް ކަމަށާއި އެކަމުގައި ޔޫގެންޑާ ކުށްވެރިވާން ވީ ކީއްވެތޯއެވެ.
ޔޫގެންޑާގެ އާ ގާނޫނާ އެކު އެގައުމުގައި ދިރިއުޅޭ އެލްޖީބީޓީކިއު ޖަމާއަތްތަކުން އެ ގާނޫނު ބާތިލް ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައި ވާއިރު، އެމެރިކާއިން ޔޫގެންޑާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަމުގައި ވޯލްޑް ބޭންކުންވެސް ބައިވެރިވީއެވެ.