ދެ ޖިންސް ވަކިކޮށް އިންސާނުން ދުނިޔެއަށް ފޮނުއްވި އަސްލާ ހިލާފަށް ދުނިޔޭގެ އެތަން މިތާނގައި އެއްޖިންސުން އުޅުމާއި ގުޅުން ހިންގާ އެތައް ބަޔަކު އުޅެއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާއަކީވެސް އެގޮތުން ވަކި ތަފާތު ތަނެއް ނޫނެވެ.
އެއްޖިންސުން ކައިވެނި ކުރުން ހުއްދަކުރުމަށް އެ ކަމުގައި އުޅޭ ޖަމާއަތްތަކުން ކުރަމުން ދިޔަ މަސައްކަތް ކޯޓު މަރުހަލާތަކުން ގޮސް އެންމެ މަތީ ކޯޓާ ހަމައިން ހުއްޓުވާ މުޖުރު ޖަހައިފިއެވެ.
ސްޕްރީމް ކޯޓަކީ އެންމެ ފަހުގެ ނިޔާ އިއްވާ ކޯޓު ކަމަށް ވާއިރު، މިއަރުގެ މެއި މަހުން ފެށިގެން ހިނގަމުން ދިޔަ މައްސަލައިގައި ބެންޗުގައި ތިއްބެވި 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން ނިންމެވީ، އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ކުރުމުގެ މައްސަލައަކީ، ޕޮލިސީ އާއި ގާނޫނުތައް ހަދާ ފަރާތްތަކުން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުން ކަމަށެވެ.
އަދި އެކޯޓުން ވަނީ އެއްޖިންސުން އުޅެން ބޭނުންވާ މީހުންނަށް ދެވިދާނެ ހައްގުތަކެއް އެކަށައަޅާ އެކަން ތަންފީޒު ކުރުމަށް ސަރުކާރުގެ ޕެނަލެއް އެކަށައެޅުމަށް ވެސް ގޮވާލާފައެވެ. އެގޮތަށް އެ އިރުޝާދު ދިނީ އެއްޖިންސުން އުޅޭ ފަރާތްތައް އެކަހެރިކޮށް ބައެއް ކަހަލަ ހިދުމަތްތަކުން އެފަދަ ފަރާތްތައް މަހުރޫމް ކުރާތީ ޝަރީއަތުގެ މަރުހަލާގައި ދައުވާ ކުރި ފަރާތުންނާއި ދިފާއުން ދެއްކި ވާހަކަތަކަށް ރިޔާއަތް ކޮށެވެ.
އެއްޖިންސުން އުޅެ ގުޅުން ހިންގާ ފަރާތްތަކުން ބުނެފައި ވަނީ، އެމީހުންނަށް ވެސް ގާނޫނީ ރައްކާތެރިކަން ކަށަވަރުވާން ޖެހޭ ކަމަށާއި އިންޑިއާގެ ގާނޫނު އަސާސީގެ ދަށުން ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށެވެ.
ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ އިރުވެސް ދެކޮޅަށް ވަކާލާތު ކުރި އެއް ޕާޓީ އަކީ ވެރިކަން ކުރާ ބީޖޭޕީއެވެ. އެ ޕާޓީން ބުނީ، އެ މައްސަލައިގައި ގޮތް ނިންމަން ޖެހޭނީ މަޖިލީހުން ކަމަށާއި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމަކީ އިންޑިއާގައިވެސް ގަބޫލުކުރާ ގަބޫލު ކުރުންތަކާއި ހަމަތަކާއި އިންސާނީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
"އެކުގައި އުޅެ، ލައިފް ޕާޓުނަރަކަށް އެއްޖިންސުގެ ދެމީހުން ވާން ވެއްޖެ ނަމަ އިންޑިއާގައި އޮންނަ އަނބިމީހާއާއި ފިރިމީހާ ރަމްޒުވާ [އަންހެނަކާއި ފިރިހެނެއް] ހައިސިއްޔަތު ނިގުޅައިގަނެވޭ، އެއީ އެ ރޫހާ ހިލާފު ކަމެއް" އެ ޕާޓީން ބުނެފައި ވެއެވެ.