ރާއްޖޭގެ ސްކޫލެއްގައި ކިޔަވަމުންދާ ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ގުރުއާން ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސައުތް ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ (މ. ފ. ދ. ލ) ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެއީ ދ. ރިނބުދޫ ސްކޫލެއްގެ ގްރުއާން ޓީޗަރެކެވެ. އޭނާ އެ ސްކޫލުގައި ވަޒީފާ އަދާކުރާތާ ހައެއްކަ އަހަރު ވަނީ ވެފައެވެ.

ފުލުހުން ބުނީ، އެމީހާގެ ބަންދަށް ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 30 ދުވަސް ދީފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 98 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.