އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ 3 މަހުގެ ގޭ ބަންދެއް އިއްވާފައިވާ ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބަދުއްސައްތާރު މިނިވަން ވެއްޖެއެވެ.
ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ނާޒިމްގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ވަނީ 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ހުކުމް ކޮށްގައެވެ.
ނާޒިމްގެ ހުކުމްގެ މުއްދަތު މިއަދަށް ހަމަވެފައި ވާއިރު، އެ ހުކުމް ތަންފީޒުކޮށް ނިމުނުކަން އަންގައި ކަރެކްޝަނަލް ސާވިސްއިން ވަނީ އޭނާއަށް މިއަދު އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
މިދިޔަ އޮގަސްޓް މަހު އެއް ޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއެއްގެ ހުކުމް އަލަމްގިރިގެ މައްޗަށް ކޮށްފައި ވާއިރު 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް އެ ފަހަރު ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ފަހުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއަށް 1080 ދުވަސް ނުވަތަ 3 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
މި މައްސަލާގައި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ. އަދި ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒުގެ މައްޗަށް ވަނީ ތިން މަހާއި 10 ދުވަހަށް ޖަލަށް ލުމަށާއި އިތުރު ހަ މަހާއި 20 ދުވަހަށް ގޭ ބަންދުކުރުމަށް ހުކުމް ކޮށްފައެވެ.