ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް މިނިސްޓްރީން މި އަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށާއި، އެކަމަށްޓަކައި ކިޔަވައިދިނުމުގެ ލައިސަންސް މުދައްރިސުންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ދިވެހި ގައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު ސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަމުގެ އެންމެ ބޮޑު ހެއްކަކީ މިދިޔަ މޭ މަހުން ފެށިގެން މުދައްރިސުންގެ މުސާރަ އަށް ގެނައި ބަދަލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު މުދައްރިސުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ފަރުވާތެރިކަން ބެހެއްޓުމަށެވެ.

"އަޅުގަނޑު އެދެނީ މުސާރައަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިއުން."
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، މުދައްރިސުން ކުރަމުންދާ މަސައްކަތަކީ މުޅި ގައުމަށާއި އަންނަން ހުރި ޖީލުތަކެއް އޭގެ އަސަރު ފޯރާނެ މަސައްކަތެކެވެ. އެހެންކަމުން، ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް، އަމަލުން ނަމޫނާ ދައްކައި އިހްލާސްތެރި ބަޔަކަށް ވުމަށް މިނިސްޓަރު މުދައްރިސުންނަށް ގޮވައިލެއްވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމްގެ ފެންވަރު ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. އެގޮތުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކިޔަވައިދިނުމުގެ ލައިސަންސް މުދައްރިސުންނަށް ދޫކުރުން ކަމަށާއި، އެކަމަށްޓަކައި ތައްޔާރުވާން ޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ނިމިފައިވާއިރު، މި އަހަރު އެކަމުގެ އަމަލީ މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން އުއްމީދު ކުރެވެނީ މުދައްރިސްކަމުގެ ތައުލީމް ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނޭކަމަށް. ދަރިވަރުންގެ ފެންވަރު ރަނގަޅުވާނޭކަމަށް."
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ 217 ސްކޫލެއްގައި 92،300 ދަރިވަރުން ކިޔަވާއިރު، އެ ސްކޫލްތަކުގައި ޖުމްލަ 8،364 މުދައްރިސުން ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 6،006 ދިވެހި މުދައްރިސުންނާއި، 1،693 ބިދޭސީ މުދައްރިސުންނާއި، 665 ރިލީފް ޓީޗަރުންނެވެ.