ސްކޫލްތަކަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދިނުމަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ސްކޫލްގައި ނުބަހައްޓާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކަކީ ކުދިންނަށް ރައްކާތެރި މާހައުލެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން ސްކޫލުގައި ކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށާއި ނަމަވެސް އެފަދަ ތުހުމަތެއް ކުރެވޭ ފަރާތެއް ވަޒީފާގައި ނުބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލްތަކުގެ މާހައުލުގައި ކަންކަން މޮނިޓާ ކުރަމުން ދާނެ ކަމަށާއި އަދި އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ސްކޫލް މާހައުލުގެ ތެރެއިން ލިބިގެން ނުދާނެ ގޮތަކަށް ސްކޫލް ތެރޭގެ ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސްކޫލް މާހައުލުން ބޭރުގައި އެފަދަ ކަންކަން ހިނގައިގެން އެފަދަ ތުހުމަތެއް ކުރެވޭ ހާލަތުގައާއި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބި އޭނާ އެ ތުހުމަތުން ސަލާމަތްވިޔަސް ކަންކަން ބަލައި މޮނިޓާ ކުރުމަށް ފަހު އެމީހާ އަކީ މައުސޫމް މީހެއް ކަމަށް ނުބެލެވެންޏާ ސްކޫލްގައި އެމީހަކަށް ހުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.
މިއަހަރު އޮގަސްޓް 10 އިން ފެށިގެން ޓީޗަރުންގެ ރަޖިސްޓްރޭޝަން ގަވާއިދާއި ކިޔަވައިދޭ ތަންތަން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފެށުމުން ކުދިންނަށް ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެ ކަމަށް އެޑިއުކޫޝަނުން ބުނެއެވެ. އެ ގަވައިދުގައި ބުނާ ގޮތުން ޓީޗަރުން ރަޖިސްޓްރީ ކުރާ އިރު އެ ޓީޗަރަކީ ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ ފަރާތެއް ތޯ ބަލާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަ ކުރެވޭ ނަމަ ޓިޗަރެއްގެ ގޮތުގައި އެފަރާތެއް ރަޖިސްޓާ ނުކުރާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ޓިއުޝަން ދޭ ތަންތަން ވެސް ހިންގޭނީ ރަޖިސްޓްރީ ކޮށްގެން އެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ވަކިވަކި ޓީޗަރުން ކައިރިއަށް ޓިއުޝަން ނަގަން ފޮނުވާ އިރު ބެލެނިވެރިން ވެސް އެއީ ރަޖިސްޓާ ކޮށްގެން ހިންގާ ޓިއުޝަން ސެންޓަރެއް ތޯ ޔަގީން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ވަކިވަކިން ރަޖިސްޓްރީ ނުކޮށް ޓިއުޝަން ދިނުމަކީ މަނާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.