އާއިލާ އާ އެކު އިނގިރޭސިވިލާތުގައި މެންދުރުފަހު ފަރިއްކޮޅުގައި އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގެން ކަމަށް ބުނާ ވާހަކަ އަކީ ބޮޑު ޖޯކެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ނަޝިދުގެ ފޯނު ފޭރިގަތް މައްސަލައާ ގުޅިގެން ރޮޒައިނާ ވިދާޅުވީ، ހަތަރު ފޮޓޯ އަކާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައި ގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ. ރޮޒައިނާ ވަނީ ރޭ ކުނޫޒު ކައިރިން ޖަހައިގަތީ އެ ފޮޓޯތައް ނަޝީދަށް ފޮނުވި މީހާތޯ ސުވާލު ކުރައްވާފައެވެ.

މީހުންގެ ބޮލުގައި ދޮގު އިލްޒާމް ހަދައިގެން އަޅުވާފައި މިއަށް ވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގުނީބާ؟
އައްޑޫ މީދޫ ދާއިރަގެ މެންބަރު ރޮޒައިނާ އާދަމް

ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދާ ހަވާލާދެއްވައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ، އިއްޔެ މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު މީހަކު ޖަހައިގަތުމަށް ފަހު ފިލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން ނަޝީދު ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހުގެ ޗުއްޓީ އާ ދިމާކޮށް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި އިރު، އެމަނިކުފާނުގެ ފޯނު ޖަހައިގެންފައި ވަނީ، ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ނަޝީދި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖަކާ އެކު ރައީސް ބަދުއަހުލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް މީހަކު ފޮނުވާފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރައްވަންވީތޯ ވެސް ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ. އަދި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ރަހުމަތްތެރިއެއްގެ ދަރިއެއް ކަމަށް ބެލެވޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.