ނަފްރަތު އުފެއްދުން ނޫން ކަމެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނުކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން "ރާއްޖެ ޓީވީ" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މާރިއާ ވަނީ މިނިވަން ކަމުގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅުން ހިންގަނީ ސިޔާސީ ކުޅިގަނޑެއް ކަމަށް ތުހުމަތުކުރައްވާ ވާހަކަދައްކަވާފައެވެ.

މާރިއާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ގާތްވެފައިވާއިރު ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ އިދިކޮޅުން ނުދައްކާ ކަމަށާއި އޭގެ ބަދަލުގައި އިދިކޮޅުން އުފައްދަނީ ނަފްރަތު ކަމަށެވެ.

އިދިކޮޅުން އެގޮތަށް އަމަލުކުރަނީ ވެރިކަމުގައި ހަދާފައި ހުރި ގޯސްތައް ފޮރުވުމުގެ ބޭނުމުގައި ކަމަށާއި އެހެން ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން ގައުމުގެ ސަލާމަތީ ކަންކަން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަމާއެކު ވެރިކަން ކުރަން އުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް މާރިއާ ވިދާޅުވިއެވެ.

މާރިއާ އިތުރަށް ވިދާޅުވީ އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި ސިޔާސީ މަސައްކަތާއި ގައުމީ މަސައްކަތް ތަފާތު ކުރަންޖެހޭ ކަމަށެވެ.