ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ހީނަރުކަމަށް ލުޔެއް ހޯދުމުގެ ގޮތުން އދ މެދުވެރިއެއްގެ ގޮތުގައި އޮވެގެން މިދިޔަ ހަފުތާ ބަންދުގައި އެކުލަވާލި އެއްބަސްވުމުގެ ދަށުން، ބްލެކް ސީ ސަރަހައްދު ހުރަސްކޮށް ގޮވާން އެކްސްޕޯޓް ކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި އަލުން ފެށުމަށް އުއްމީދު ކުރާ ކަމަށް ޔޫކްރައިނުން ބުނެފިއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ޔޫކްރައިނުން ބޭރު ނުކުރެވި ހުރި ގޮވާމުގެ ސަޕްލައި، ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް މަގު ތަނަވަސް ކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު އެއްބަސްވުން އެކުލަވާލިތާ މާ ގިނައިރުތަކެއް ނުވެ، ރަޝިއާއިން ވަނީ ޔޫކްރައިންގެ ބަނދަރުމަތީ އޮޑެއްސާ ސަރަހައްދަށް މިސައިލް ހަމަލާއެއް ދީފައެވެ.

ހަމަލާއާ ގުޅިގެން ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އެއީވެސް ރަޝިއާއަށް އިތުރުބާރު ކުރެވެން ނެތް ކަން އަންގައިދޭ ސާފު މިސާލެއް ކަމަށެވެ.

ފާޑުކިއުންތަކުގެ ދިފާއުގައި ރަޝިއާއިން ބުނީ، ހަމަލާ އަމާޒު ކުރީ އަސްކަރީ ބިނާވެއްޓަކަށް ކަމަށެވެ.

ރަޝިއާއާއި ޔޫކްރައިންއާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައި ވަނީ ތުރުކީވިލާތާއި އދއިންނެވެ. އެއްބަސްވުމުގައި ބާރު ދޭ ބައެއް ކަންކަމަށް ބަލާ އިރު، ބްލެކްސީ ސަރަހައްދުން، ތުރުކީވިލާތުގެ ބޮސްފޮރަސް ކަނޑުއޮޅި ހުރަސްކޮށް ދުނިޔޭގެ ބާޒާރުތަކަށް ޔޫކްރައިނުން ގޮވާން ސަޕްލައި ކުރަމުން ދާ ބޯޓުފަހަރަށް ހަމަލާ ނުދިނުން ހިމެނެއެވެ.

ޔޫކްރައިންގެ އޮފިޝަލަކު ވިދާޅުވީ ޗޮރްނޮމޯސްކް ޕޯޓުން ގޮވާން އެކްސްޕޯޓް ކުރުމުގެ މަސައްކަތް މި ހަފުތާ ތެރޭގައި ފެށޭނެ ކަމަށް އުއްމީޑު ކުރައްވާ ކަމަށާ، އެއްބަސްވުމުގައި ދެން ބަޔާން ކޮށްފައި ވާ ބަނދަރުތަކުން ގޮވާން ބޭރު ކުރުމުގެ މަސައްކަތް، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޔޫކްރައިންގެ ޑެޕިއުޓީ އިންފްރާންސްޓްރަކްޗާ މިނިސްޓާ ޔޫރީ ވަސްކޯފް ވަނީ ވިދާޅުވެފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ހަނގުރާމަ ފެށި ފަހުން ބްލެކް ސީ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރަށް ގޮވާން ސަޕްލައި ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބައެއްގެ ކަބޯތަކެތީގެ ކަށަވަރުކަން ގެއްލިގެން ދިޔައެވެ.

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާއަކީ، ރަޝިއާގެ ސަރުކާރުން ޖެއްސި ހާލެއް ކަމަށް ބުނެ އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، ރަޝިއާއިން އިންކާރުކުރެއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށް ދިޔަ އަރަބް ލީގުގެ އެމްބެސަޑަރުންނާ މުހާތަބު ކުރައްވަމުން ރަޝިއާގެ ފޮރިން މިނިސްޓަރު، ސަރްގޭ ލަވްރޯފް ވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތްތެރިކަމަށް އަސަރު ފޯރީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވާ އިރު، ހުޅަނގުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ފަތުރަމުން ދާ ކަމަށް ވިދާޅުވެ، ދިފާއަށް ކުޅުއްވާފައެވެ.