ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާއަކީ، ރަޝިއާގެ ސަރުކާރުން ޖެއްސި ހާލެއް ކަމަށް ބުނެ އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، ރަޝިއާއިން އިންކާރު ކޮށްފިއެވެ.

މީގެ 6 މަސްދުވަސް ކުރިން ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ރަޝިއާގެ ފޮރިން މިނިސްޓަރު، ސަރްގޭ ލަވްރޯފް މި މޭރުމުން ވާހަކަދައްކަވާފައި ވަނީ، މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށް ދިޔަ އަރަބް ލީގުގެ އެމްބެސަޑަރުންނާ މުހާތަބު ކުރައްވަމުންނެވެ.

ދިފާއީ ރޫހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ލަވްރޯފް ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތްތެރިކަމަށް އަސަރު ފޯރީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވާ އިރު، ހުޅަނގުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ފަތުރަމުން ދާ ކަމަށެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24، 2022 ވަނަ ދުވަހު ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައާ ގުޅިގެން، ހުޅަނގުގެ ބާރުތަކުން ދަނީ ރަޝިއާއާ ދެކޮޅަށް، ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

ކަން މިހެން އޮތް ލަވްރޯފް ވަނީ ހުޅަނގުގެ ގައުމަކުން، އެ ނޫން ގައުމުތަކުގެ މައްޗަށް ބަރާއި ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައި ވާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާގެ އެންމެ ބޮޑު އަސަރެއް ފޯރަމުން ދަނީ އަރަބި ދުނިޔޭގެ ގައުމުތަކާއި އެފްރިކާ ސަރަހައްދަށެވެ.

ޔޫކްރައިންއަކީ ބައިނަލްއަގުވާމީ ގޮވާން ސަޕްލައިގެ ބޮޑު ހިއްސާއެއް އޮންނަ ގައުމަކަށް ވެފައި، ހަނގުރާމައިގެ ނުރައްކާ ވަރުގަދަ ވުމުގެ ސަބަބުން، ޔޫކްރައިނުން ގޮވާން ބޭރު ކުރުމަށް ވަނީ ހުރަސް އެޅިފައެވެ. ރައްކާތެރި ކަމާއެކު ބައިނަލްއަގުވާޟި ބާޒާރަށް ގޮވާން ސަޕްލައި ކުރުމުގެ މަގު ތަނަވަސް ކުރުމަށް މިދިޔަ ހުކުރު ދުވަހު އެއްބަސްވުމެއް އެކުލަވާލި ކަމުގައި ވީ ނަމަވެސް، ހޮނިހިރު ދުވަހު ޔޫކްރައިންގެ އޮޑެއްސާއަށް ރަޝިއާއިން ދިން ހަމަލާއާ ގުޅިގެން، އެއްބަސްވުން ނެގެހެއްޓިދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ލަވްރޯފް ވަނީ، އެއީ ޔޫކްރައިންއާ ގުޅޭ ކަމެއް ނޫން ކަމަށާ، ނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން ވަކި ނިޒާމެއްގެ ތެރެއިން ކޮންޓްރޯލް ކުރުމަށް ހިންގާ އަމަލެއް ކަމަށް ސިފަ ކުރައްވާފައެވެ.

ކޮންމެ ބަޔަކުވެސް ދުނިޔޭގެ ސިޔާސީ ނިޒާމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ހުޅަނގުން ބުނާ އިރު، އެ ސިޔާސީ ނިޒާމް ބައްޓަން ކޮށްފައި އޮންނަނީ ހުޅަނގުގެ މަސްލަހަތަށް ފައިދާ ކުރާ ގޮތަށް ކަމަށްވެސް ލަވްރޯފް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކަށް ލަވްރޯފް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، މިސްރުގެ ފޮރިން މިނިސްޓަރު، ސާމިހް ޝުކްރީއާ ވަނީ ބައްދަލު ކުރައްވާފައެވެ. މިސްރަކީ ރަޝިއާއާއެކު މުހިންމު ގުޅުންތަކެއް ދަމަހައްޓާ ގައުމެކެވެ.

ޔޫކްރައިންގެ މައްސަލާގައި އެފްރިކާ ސަރަހައްދުން ގެންގުޅޭ، ހަމަހަމަ ސިޔާސަތަށް ލަވްރޯފް ވަނީ ތައުރީފު ކުރައްވާފައެވެ.

ޔޫކްރައިންއާ ރަޝިއާއަކީ، އެފްރިކާ ސަރަހައްދަށް ބޭނުންވާ ގޮދަނުގެ 40 ޕަސެންޓް ހިއްސާ ކުރާ 2 ގައުމު ކަމަށް އެފްރިކަން ޑިވަލޮޕްމަންޓް ބޭންކުން ބުނެއެވެ. މިސްރުގައި ގިނައިން ބޭނުން ކުރަނީ ޔޫކްރައިންގެ ގޮދަނެވެ.