ރަޝިއާއިން ބާރު ގަދަ ކޮށްފައި ވާ ސަރަހައްދުތަކުގައި އެ ގައުމުގެ އަސްކަރީ ފައުޖުތަކުން ހަރަކާތްތެރިވާ ލޮކޭޝަންތަކާއި، ރަޝިއާގެ ފައުޖުތަކާ ގުޅިގެން މަސައްކަތް ކުރާ އާންމު ހާއިނުންގެ ވަނަވަރު ހާމަ ކޮށްދިނުމަށް، ޔޫކްރައިންގެ ދިފާއީ ވުޒާރާއިން އެ ގައުމުގެ އާންމު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.

ޔޫކްރައިންގެ ދިފާއީ ވުޒާރާއިން މިފަދަ ކަމަކަށް ގޮވާލާފައި ވަނީ ނިއުކްލިއާ ހަކަތަ އުފައްދާ ވަރުގަދަ ޕްލާންޓެއް ހުންނަ އިނާރްހޮދާ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ހިސާބުތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން ނެރެނު އިރުޝާދުގެ ބަޔާނެއްގައެވެ.

ރަޝިއާގެ ފައުޖުތަކުން ހަރަކާތްތެރިވާ ސީދާ ސަރަހައްދުތަކާއި، އެ ފައުޖުތަކުން ހިޔާވައްސެއްގެ ގޮތުގައި ދިރިއުޅެމުންދާ ތަންތަނުގެ ސިދާ މައުލޫމާތު ފޯރު ކޮށްދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި އަދުއްވުންގެ ފަޅިއަށް އެރި އާންމު ރައްޔިތުންގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެދިފައި ވެއެވެ. އޭގެ ތެރޭގައި ޔޫކްރައިންއަށް ވެރިވެގަނެގެން އުޅޭ ރަޝިއާގެ ފައުޖުތަކަށް ހަމްދަރުދީ ވާ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް ދިފާއީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައަށް ހުއްޓުމެއް އަތުވެދާނެ ކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް އަދިވެސް ލިބިފައި ނުވާ އިރު، ޔޫކްރައިންގެ ރައީސް ވްލޭޑްމިއާ ޒެލެންސްކީ ވަނީ، އެ ގައުމުގެ އިސް އޮފިޝަލުންތަކެއް މަގާމުންވެސް ދުރު ކުރައްވާފައެވެ.

ގައުމަށް ހިޔާނާތްތެރިވުމުގެ ގިނަ ތުހުމަތުތަކެއް އެ އިދާރާތަކަށް އަމާޒުކުރައްވާ، ޔޫކްރައިންގެ ސެކިއުރިޓީ އޭޖެންސީ (އެސްބީޔޫ)ގެ އިސްވެރިޔާއާއި ޕްރޮސެކިއުޓާ ޖެނެރަލް މަގާމުން ދުރުކޮށްފައި ވާ އިރު، ގައުމަށް ގައްދާރުވުމުގެ ގިނަ އިލްޒާމްތަކެއް ފެންމަތި ކޮށްފައި ވެއެވެ.

ޔޫކްރައިންގެ ގައުމީ ސަލާމަތާ ގުޅޭ މުހިންމު އިދާރާތަކެއްގެ ވެރިންގެ އިހުލާސްތެރިކަމާ މެދު ސުވާލުތަކެއް އުފެދިފައި ވާ އިރު، އެ ހުރިހާ ސުވާލެއްގެ ޖަވާބު ހޯއްދަވާނެ ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.