ޔޫކްރައިންގެ ފަސްގަނޑުގައި ރަޝިއާގެ އަސްކަރީ ފައުޖުތަކުން، ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވާ ކަމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޕެނަލަކުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

އޯގަނައިޒޭޝަން ފޮ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)ގެ އޮފީސް ފޮ ޑިމޮކްރަޓިކް އިންސްޓިޓިއުޝަންސް އެންޑް ހިއުމަން ރައިޓްސް (އޯޑީއައިއެޗްއާރް) އިން އާންމު ކޮށްފައި ވާ ރިޕޯޓް ބުނާ ގޮތުން، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަށް އެރި ފަހުން، އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި، އިންސާނީ ހަގުއްތަކުގެ ގާނޫނާ ހިލާފު އެތައް ޖަރީމާއެއް، ރަޝިއާގެ އަސްކަރީ ފައުޖުތަކުން، ސީރިއަސް ދަރަޖައަކަށް ހިންގާފައިވެއެވެ.

އެންމެ ހައްސާސް ހާދިސާތަކެއްގެ ގޮތުގައި މެރިއުޕޮލްގެ ތިއޭޓަރަކަށް އަމާޒުކޮށް މާޗް މަހުގެ މެދަކާ ހިސާބުގައި ދިން ހަމަލާއާ، ކްރަމަޓޯސްކްގެ ރޭލު ސްޓޭޝަނަށް އަމާޒު އޭޕްރިލް މަހުގެ ކުރީކޮޅުގައި ދިން ހަމަލާ ފާހަގަ ކޮށްފައިވެއެވެ. އެ ހާދިސާތަކަކީ ގިނަ އަދަދަކަށް، މަދަނީ އާންމު ފަރުދުންގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާތަކެކެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ޔޫކްރައިންގެ ސިޓީތަކެއް ގެންގޮސްފައި ވާއިރު، ސަލާމަތްތެރި ކަމާއެކު ރައްކާތެރި ހިސާބުތަކަށް އާންމު ބަދަލު ކުރުމުގެ ފުރުސަތަށްވެސް ހުރަސް އެޅޭ ކަން، އޯޑީއައިއެޗްއާރްއިން ވަނީ ފާހަގަ ކޮށްފައެވެ.

ގާނޫނީ އިމުން ބޭރުން މީހުން މެދުމާއި، މީހުން ހައްޔަރު ކުރުމާއި، ވަގަށް ނެގުމާއި، ބޮޑެތި އަނިޔާތައް ދިނުމާއި ޖިންސީ ގޯނާ ކުރުމުގެ ބޮޑެތި ޖަރީމާތައް ޔޫކްރައިންގެ ފަސްގަނޑުގައި ހިންގަމުން ދާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލަދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.