ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ޕީޕީއެމްގެ ސެނެޓާ އިބްރާހިމް ރައްޒާން (ޓަކީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ރައްޒާން ހައްޔަރުކޮށްފައިވަނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުޒައިފާ އަހްމަދު ވިދާޅުވީ ރަޒާންގެ ފަރާތުން މުޖްތަމައަށް ގެއްލުންވެދާނެ ކަމަށް ނުބެލޭ ކަމަށާއި ރަޒާންގެ މައްޗަށް ތުހުމަތުކުރާ ކުށް ކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ނުވާ ކަމަށެވެ.

ހުޒައިފާ ވަނީ ރައްޒާންގެ ފުށުން އަނިޔާވެރިކަން ފެނިފައިނުވާ ކަމަށާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ އަމަލުތަކުގައި އަމަލީ ގޮތުން ބައިވެރިވެފައި ވާކަން އަދި ޖަމާއަތް ހަދައިގެން އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

ގޮލަޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގައި ރަޒާންގެ ބައިވެރިވުން އޮތް މިންވަރު ނިސްބަތުން ކުޑައިރު ހެކިންނަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވިދާނެ އެކަށީގެންވާ ސަބަބުންތައް ފުލުހުން ބަޔާންކޮށްފައިނުވާތީ ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

ޔޯގާއާ ދެކޮޅު ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާނާއި އިތުރު ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އާންމުންގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.