ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމި ނިންމުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދެވެ.

މި މައްސަލަ ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން، ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާކަން ފާހަގަކޮށެވެ. އެގޮތުން ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންވެސް ހިމެނޭކަމަށެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދާ އެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. އެހެންކަމުން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަކީ ޝަރުތު ހަމަވާ އެހެން ބޭފުޅުންނަށް ވެވޭ ބޭއިންސާފެއްކަމަށް ނައުޝާދު ވަނީ ވިދާޅުވެފައެވެ.

ހައިކޯޓުގެ 2 ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތް އިރު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި މައްސަލަ ކޯޓުން މިއަދު ބަލައިގެން ނަމަވެސް ވަގުތީ އަމުރެއް ނެރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.