ބިރުން ފުލުހުންގެ މަގާމުގެ ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ އާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފިއެވެ.

ނެނޯ ސްޓިކާއި ވޭޕު ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ އިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސާޖިދު ދިރިއުޅޭ ގެ އާއި ސައިކަލް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯ ސްޓިކާއި ވޭޕުގެ އިތުރުން ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބުނެ ތިނަދޫ ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. އެއާއެކު މި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސާޖިދު ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް ފުލުހުންގެ ހުވާ ނުކުރާ ކަމުގައި ބުނެފައެވެ. މި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށާއި، ހުވާގެ އިގުރާރުގައި ސޮއިވެސް ކޮށްފައިވާކަމަށް ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ތިނަދޫ ކޯޓުގެ ނިންމުން ބާތިލުކޮށް، ސާޖިދުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ އެކަން ކުރުމަށް އަމުރުކޮށްފައެވެ.

މިއީ، މާތްﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ. އެ ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ގާނޫނުލްއުގޫބާތުގެ 512ވަނަ މާއްދާއާއި، އެ ޤާނޫނުގެ 533ވަނަ މާއްދާއާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށް ވެސް މިހާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ
ހައިކޯޓު

އަދި ހުވައެއްކުރަންޖެހޭ ދައުލަތުގެ މަގާމުތަކުގައި ހިމެނޭ މީހުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި، އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށްވެސް ހައިކޯޓުން މިއަދު ވަނީ ބުނެފައެވެ.