ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާ، ދުންފަތާއި ނެނޯ ސްޓިކާއި ވޭޕު ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ، އޭނާ ބިރުން ފުލުހުންގެ މަގާމުގެ ހުވާ ނުކުރާ ކަމަށް ބުނެފިއެވެ.

ނެނޯ ސްޓިކާއި ވޭޕު ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ އިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދެވެ. ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ސާޖިދު ދިރިއުޅޭ ގެ އާއި ސައިކަލް ބަލާ ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯ ސްޓިކާއި ވޭޕުގެ އިތުރުން ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސާޖިދުގެ މައްޗަށް ޖިނާއީ ތުހުމަތެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލީ ކަމަށާއި ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕީޖީ އޮފީހާއެކު ކޮށްފައިވާ ކަމަށެވެ. އެގޮތުން ވޭޕަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށާއި އެ ގެންގުޅޭ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭ ކަމަށް ދައުލަތުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުގައި ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށް ވެސް ދައުލަތުން ބުނެފައިވާކަމަށް ވަނީ ބުނެފައެވެ.

ސާޖިދު ފުލުހުންގެ ހިދުމަތާއި ގުޅިފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މިދިޔަ މެއި 7 ވަނަ ދުވަހުން ފެށިގެން ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ދައުލަތުން ބުނާގޮތުން ސާޖިދު ހުވާކޮށްފައިނުވާ ކަމަށެވެ. އަދި ސާޖިދުވެސް ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ހުވާ ނުކުރާ ކަމަށް ބުނެފައެވެ.

ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތަށް އަޅުގަނޑު ވެސް ދިޔައިން. އެކަމަކު ހުވައެއް ނުކުރަން. އަޅުގަނޑު ހުރީ އެތާ، ރަސްމިއްޔާތަށް ގޮސްފައި ވެސް ކުޑަކޮށް ބިރުގަތީ ﷲ ގަންދީކުރަންޖެހޭ ހުވައެއް ވީމަ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމަ
ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު

ދައުލަތުގެ ވަކީލުން ވަނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށާއި، ހުވާގެ އިގުރާރުގައި ސޮއިވެސް ކޮށްފައިވާކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން މި މައްސަލައިގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ގާނޫނީގޮތުން ބުނާ ހުވައެއް ކުރުމަށް ރަސްމިއްޔާތައް ހާޒިރުވާ މީހަކު އެ ތަނުގައި ހުރެފައި އަދި ވަޒީފާގައި އެތައް ދުވަހަކު ހުރެފައި، މަގާމުގެ ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެެވެ. އަދި މިފަދަ ކަމެއް ބަލައިގަތުމަކީ ފުލުހުންނާއި ސިފައިންގެ މަގާމުގައި ތިބޭ މީހުންނަށް އޮންނަ އިތުބާރު ގެއްލޭ ކަމެއް ކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އަޑު އެހުންތައް މިއާއެކު ނިންމާލާފައި ވީނަމަވެސް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލްކުރުމަށް ފަހު އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާނުކޮށްފައެވެ.