ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ، އަބްދުﷲ ޖަމީލް މޫސާ މިރޭ އައްޔަން ކޮށްފިއެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ލ. މާވަށް، ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާއަށް ހަވާލު ކޮށްދެއްވީ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމްއެވެ.
ޖަމީލް ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރައްވާފައެވެ. ޝަރުއީ ދާއިރާއިން ޖަމީލް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފައި ވަނީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީ ކަން އޭނާ ކުރެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޖަމީލް އައްޔަން ކޮށްފައިވާ އިރު، ހަިއކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސަން ޖޭއެސްސީން ނިންމާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދުއެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ ނަން އަނބުރާ ނެގުމަށް އެދިވަޑައިގެންފިއެވެ.
އޭނާގެ ނަން އަނބުރާ ނެގުމަށް އެދި ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައި ވަނީ ޖުޑީޝަރީއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށް ބުނެއެވެ. އެގޮތުން އެ ސިޓީގައި ވަނީ ފަނޑިޔާރުކަމުގެ މަގާމާ ޝަހީދު ހަވާލުވެވަޑައިގެންފިނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިގެންދާނެ ކަމަށް ބުނެ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެހެންކަމުން ޖުޑީޝަރީގެ އިތުބާރު ރައްޔިތުންގެ މެދުގައި ދެމެހެއްޓުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ޝަހީދު މިފަދައިން އެދިވަޑައިގެން ސިޓީ ފޮނުއްވާފައިވާއިރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ.