ދިވެހި ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައި ވާ ކެނެޑާގެ ޒުވާން ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ، އަވަށްޓެރި އިންޑިއާގައި ޝޯ ދޭނެ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ދިމާވި ސިއްހީ މައްސަލަތަކަކާ ގުޅިގެން މި ފަހަކަށް އައިސް ގިނަ ޝޯތަކެއް ކެންސަލް ކުރި ޖަސްޓިން ބީބާ، އިންޑިއާގައި ޝޯ ދޭނީ އޭނާ ދެމުން ދިޔަ "ޖަސްޓިސް ވޯލްޑް ޓުއާ"ގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްޓޯބަރު 18، 2022 ވަނަ ދުވަހު، އިންޑިއާގައި އޭނާ ޝޯ ދޭނީ ވެރިރަށް ނިއުދިއްލީގެ ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. އެ ޝޯގެ ޓިކެޓްތައް މިހާރު ވިއްކަން ފަށާފައި ވާ އިރު، ޓިކެޓެއްގެ އަގު އުޅެނީ 4000 ރުޕީޒް ނުވަތަ 50 ޑޮލަރުން ފެށިގެން މަތީގައެވެ.

ހޯމަ ދުވަހު ޕޭޖް ސިކްސްއަށް ދިން އިންޓަވިއުއެއްގައި ލަވަކިއުންތެރިޔާ އަޝާ ވަނީ ބީބާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އަދި ދިރިއުޅުމަކީ ދެވަނަ މީހަކަށް ވިސްނައިގަންނަން ދަތި ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ ދަތުރެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސިއްހީ މައްސަލަތަކެއް ދިމާވެ، އޭނާގެ ފޭނުންނާ ޖަސްޓިން ބީބާ އެކަން ހިއްސާ ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. މޫނުމަތީގެ އެއްފަޅިން ވާގިދާ ގޮތްވެ، އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް ހުރަސް އެޅުމުގެ ސަބަބުން ބީބާ ވަނީ ގިނަ ޝޯތަކެއް ކެންސަލްކޮށްފައެވެ.

އެކަން ހާމަކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑީއޯ މެސެޖެއްގައި ބީބާ ވަނީ، އޭނާއަށް އެހެން ދިމާވީ ރެމްޒީ ހަންޓް ސިންޑްރޯމްގެ ސަބަބުންކަން ހާމަ ކޮށްފައެވެ. ރެމްޒީ ހަންޓް ސިންޑްރޯމްއަކީ ފާނަބަސަންދާއި ފާނަބަސަންދަށް ފަހު ބައެއް މީހުންނަށް ކުރިމަތިލާންޖެހޭ ޝިންގަލްސްވެސް ޖައްސާ ވެރިސެލާ-ޒޯސްޓާ ވައިރަހުގެ ސަބަބުން ޖެހޭ އިތުރު ބައްޔެކެވެ.