އެއް މަހުގެ ކުދިންނަށްވެސް ކޮވިޑް ޖެހި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަކޮށްފައިވާ ފަންގިފިލާވެސް ފުރިފައިވާ ކަމަށެވެ.

މިހާރު ކޮވިޑް ޖެހޭ ކުޑަކުދިންނަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ވަކި ފަންގިފިލާއެއްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު ބޮޑެތި މީހުންނަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެހެންނަމަވެސް މީގެ ކުރިން ކުޑަކުދިންނަށް ވެސް ފެސިލިޓީގައި ފަރުވާދީފައި ވެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ކުޑަކުދިން ފެސިލިޓީ އަށް ގެންގޮސް ފަރުވާ ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އެކަމަށް ހާއްސަ ފަންގިފިލާ ފުރިފައިވާތީ ދެން އަލުން ކުޑަކުދިންވެސް ގެންދަން ޖެހޭނީ ފެސިލިޓީއަށް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އެއް މަހާއި 14 އަހަރާ ދެމެދުގެ 6 ކުއްޖަކަށް ފަރުވާ ދެމުން އަންނަކަން ފާހަގަ ކުރައްވާ ޑރ. ފައިސަލް ވިދާޅުވީ އެ އުމުރަކީ ވެކްސިން ނުޖެހޭ އުމުރު ކަމުން ނުރައްކާތެރިކަން ބޮޑު ކަމަށެވެ. އެހެންނަމަވެސް ވެކްސިންގެ ސަބަބުން ލިބޭ ދިފާއީ ނިޒާމުން ކޮވިޑްގެ ބަލީގައި ބޮޑެތި މީހުންނަށް ނުރައްކާތެރިކަން ކުޑަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ވެކްސިންވެސް ނުޖަހަ ތިބޭނީ ކުޑަކުދިން އަދި ރިސްކް ވެސް ބޮޑުވާނީ ވެކްސިންވެސް ނުޖެހޭ އުމުރުގެ ކުދިންނަށް"
ޑރ. ފައިސަލް

ޑރ. ފައިސަލް ވިދާޅުވީ ކޮވިޑާ ގުޅިގެން ހުން އައިސް ބަލިވުމުގެ ސަބަބުން ކެއުމާއި ބުއިމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް އެޑްމިޓްކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވާ އަދަދުތައް މައްޗަށް ގޮސްފައި ވަނީ ޖޫން މަހުގެ މެދު ތެރެއިން ފެށިގެންނެވެ. އޭގެ ފަހުން ޖެހިގެން އައި ހަފްތާގައި އަދަދުތައް 1،000 އަށްވުރެ މައްޗަށް އެރިއިރު، އޭގެ ކުރީ ހަފްތާގައި އަދަދުތައް ހުރީ 700 ގައެވެ. އަދި އިއްޔެ އާއްމު ކުރި ފާއިތުވެދިޔަ ހަފްތާގެ އަދަދުތަކަށް ބަލާއިރު އެ ހަފްތާގައި ރާއްޖެއިން 417 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ އިތުރުން ރޯގާއާއި ޑެންގީވެސް ފެތުރެމުން ދެއެވެ. ރޯގާ ޖެހޭ މީހުންގެ އަލާމާތްތަކަށް ބަލާއިރި ގަދަޔަށް ހުން އައިސް ކަރުތެރެ މެށި އަރިދަފުސް އަންނަކަން ފާހަގަ ކުރެވެއެވެ. އަދި ބައެއް މީހުން ގައިގައި ރިއްސުން ފާހަގަ ކުރާ އިރު، މީގެ ތެރެއިން ކޮވިޑަށް ޓެސްޓް ކުރާ ބައެއް މީހުން ޕޮޒިޓިވް ވަމުން އަންނަކަންވެސް ފާހަގަ ކުރެވެއެވެ.