އަވަށްޓެރި ސްރީލަންކާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން ދާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓް ކޮށްފިއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލުމާތު ދޭ ގޮތުގައި، އިއްޔެ އެކަނިވެސް އެ ގައުމުގެ އެކި ހިސާބުތަކުން، ކޮވިޑްގެ 62 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ ސަމީތާ ގިނިގެ ވިދާޅުވީ، ފާއިތުވީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފާހަގަ ކުރެވޭ މިންވަރަށް، ކޮވިޑް ޕޭޝަންޓުން އިތުރު ވެފައި ވާ ކަމަށެވެ.

ލިބިފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑުން ދިފާއުވާން ވެކްސިން ނުޖަހާ ތިބި މީހުންނަށް ވުރެ، ވެކްސިން ޖަހާފައި ވާ މީހުންނަށް ލިބިދޭ ރައްކާތެރިކަން ރަނގަޅު ކަން ހާމަ ވާ ކަމަށްވެސް ލަންކާގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާޒް ޔޫނިއަންއިން ވަނީ، މީގެ ކުރިން ކުރިއަށް ގެންދިޔަ މިންވަރަށް، ބައެއް ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ކަން ފާހަގަ ކޮށްފައެވެ.

އެހެން ކަމުން، ލަންކާގައި މިވަގުތު ކޮވިޑް ފެތުރިފައި ވާ ހަގީގީ މިންވަރު، އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ވުރެ އިތުރުވުން އެކަށީގެން ވާ ކަމަށްވެސް އެ ޔޫނިއަންއިން ވަނީ ބުނެފައެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކޮށް، ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދި ގައުމެކެވެ. ނަމަވެސް، އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މީގެ 3 މަހެއްހާ ދުވަސް ކުރިން ފެށި ވަރުގަދަ މުޒާހަރާތަކާއެކު، ކޮވިޑުން ދިފާއުވުމުގެ ރައްކާތެރި ފިޔަވަޅުތަކަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސްރީލަންކާއިން މިހާތަނަށް 664510 ކޮވިޑް ކޭސް ވަނީ ފެނިފައެވެ. މިވަގުތު އެކްޓިވް ކޭހުގެ އަދަދު އުޅެނީ 525 ގައެވެ. ބްލޫމްބާގްއިން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސްރީލަންކާއިން 66.4 ޕަސެންޓް މީހުން ވަނީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައެވެ. 36.5 ޕަސެންޓް މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.