އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައި ވާ އަވަށްޓެރި ސްރީލަންކާގައި، މުހުލަތެއް ނެތް ގޮތަށް ކުއްލި ނުރައްކަލުގެ އަމުރު ތަންފީޒު ކުރަން ފަށައިފިއެވެ.

ސްރީލަންކާގައި މިއަދުން ފެށިގެން ކުއްލި ނުރައްކަލުގެ އަމުރު ތަންފީޒު ކުރަން ފަށާފައި ވަނީ، އެ ގައުމުގެ ރައީސް ކަމުގައި ހުންނެވުމަށްފަހު ގައުމުން ފިއްލަވައިގެން ރާއްޖެ މަގުން ގޮތަބާޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމުން، ލަންކާގެ ރައީސް ކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ރޭގެ ވަގުތެއްގައި ނެރުއްވި އަމުރެއްގެ ދަށުންނެވެ.

ކުއްލި ނުރައްކަލުގެ އަމުރު މުޅި ގައުމަށް ނެރުއްވީ އާންމު ސަލާމަތާ ރައްކާތެރިކަމުގެ މަސްލަހަތުގައި ކަމަށް ވަގުތީ ރައީސް ވިކްރަމަސިންހަގެ ފަރާތްޕުޅުން ނެރުއްވި އަމުރުގައި ބަޔާން ކޮށްފައިވެއެވެ. އަދި އާންމު ހަމަޖެހުން ގާއިމު ކުރުމަށާ، މުޖުތަމައަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޖުލައި 17 ވަނަ ދުވަހަކީ ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އެ ގައުމު ރައްޔިތުން ސީދާ ހަރަކާތް ފަށާ، މުޒާހަރާ ކުރަމުންދާތާ 100 ދުވަސް ފުރުނު ދުވަސް ކަމަށް ވާއިރު، މެއި 9 ގެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 3200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވާ ކަމަށް، ލަންކާ ފުލުހުންގެ މީޑިއާ ސްޕޯކްސްމަން، ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ފޮލީސް، ނިހާލް ތަލްދުވާ ވަނީ ހާމަ ކުރައްވާފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާވެސް ފެނިގެންދިޔަ މެއި 9ގެ ހަމަނުޖެހުންތަކުގައި 8 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މަޖިލީސް މެންބަރެއްގެ އިތުރުން ފުލުހުންގެ އޮފިޝަލުންތަކެއްވެސް ހިމެނެއެވެ.

މަގާމުން ފިއްލެވި ގޮތަބާޔާ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް ލަންކާ ގުގުމާލި މުޒާހަރާތައް ރާވާ އިންތިޒާމް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ފޭސްބުކް، ޓްވިޓާ އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައެވެ.

ސްރީލަންކާގެ އާބާދީގެ ނިސްބަތުން ބައިމަދު ތަމަޅައިންނާއި މުސްލިމުންވެސް ވަނީ، މެޖޯރިޓީ އޮންނަ ސިންހަޅައިންނާ ގުޅި، ރާޖަޕަކްސަގެ އިސްތިއުފާއަށް ހަރު އަޑުން ގޮވާލާފައެވެ. މުޒާހަރާތައް ފެށުނީ 2 ދުވަހުގެ ސުލްހަވެރި މުޒާހަރާތަކެއްގެ ގޮތުގައި، އޭޕްރިލް 9 ވަނަ ދުވަހުއެވެ. ޖުލައި 9 ވަނަ ދުވަހު މަސްރަހު އިންތިހާއަށް ހޫނުވެ، ގޮތަބާޔާ އިސްތިއުފާ އިއުލާން ކުރެއްވުމާއި ގައުމުން ފިއްލެވުމާ ދެމެދު ހަފުތާއެއްހާ ދުވަސް ހޭދަވެފައި ނުވާ އިރު، ގޮތަބާޔާ ސިޔާސީ ހިމާޔަތް ހޯއްދެވި ގައުމެއް އަދި ކަށަވަރެއް ނުވެއެވެ.

އާ ރައީސަކު އައްޔަން ކުރުމުގެ މަސައްކަތް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިހުން ކުރިއަށް ގެންދާ އިރު، މިވަގުތު އެންމެ މަގުބޫލު ކެންޑިޑޭޓަކީ ވަގުތީ ރައީސް ވިކްރަމަސިންހަ ކަމަށް މައުލޫމާތު ލިބެއެވެ.