ވައިގެ އުދުހުންތަކުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އެއާލައިނަކަށް ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ހުޅުވާލާފައި ވާ ކަމަށް، އެ ގައުމުން ހާމަކޮށްފިއެވެ.

ހުރިހާ އެއާލައިނަކަށް ހުޅުވާލާފައި ވަނީ އިޒްރޭލުގެ އެއާލައިންތައްވެސް ހިމެނޭހެން ކަމަށް ވާ އިރު، މިއީ އިޒްރޭލާއި ސައުދީގެ ފިނި ގުޅުމަށް، ބަދަހި ކަން އަންނަ ކަމުގެ އިޝާރާތެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަ ކުރެއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީއޭސީއޭ) އިން ބުނީ، ބައިނަލްއަގުވާމީ މުއާހަދާތަކާ ތައާރަޒު ނުވާ ގޮތަށް، އެ ގައުމުގެ ވައިގެ ސަރަހައްދު، ހުރިހާ އެއާލައިނަކަށް، ބުރާސްފަތި ދުވަހުން ފަށައިގެން ހުޅުވާލާފައި ވާ ކަމަށެވެ. ބައިނަލްއަގުވާމީ މުއާހަދާތައް ބުނާ ގޮތުގައި، މަދަނީ ފްލައިޓްތަކުގައި އެއްވެސް ވަރެއްގެ ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ.

ޖީއޭސީއޭއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސައުދީގެ މި ނިންމުމަކީ ދުނިޔޭގެ 3 ބައްރު ގުޅާލުމުގައި ސައުދީއިން އަދާ ކުރާ މުހިންމު ދައުރު އަންގައިދެނިވި ކަމެއް ކަމަށެވެ.

ކަން މިހެން އޮތް މި ދަނޑިވަޅަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި އޮތް އެމެރިކާގެ ރައީސް ޖޯ ބައިޑަން، މެދުއިރުމައްޗަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. އިޒްރޭލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބައިޑަން ވަނީ މިއަދުގެ ވަގުތެއްގައި ސައުދީއަށް ވަޑައިގެންފައެވެ.

ބައިޑަންގެ ސައުދީ ދަތުރުފުޅުގައި ސައުދީގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒާ ބައްދަލު ކުރައްވާނެއެވެ. އަދި ބައިޑަންގެ ޓީމުން، ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު، މުޙައްމަދު ބިން ސަލްމާންއާއެކު މަސައްކަތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ހަބަރު ލިބެއެވެ.