ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ސްރީލަންކާގެ ވަގުތީ ރައީސްގެ ހައިސިއްޔަތުން ނިންމެވި 2 ނިންމެވުމެއް، އިސްތިއުފާ ދެއްވި ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އެންމެ ފަހުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެދެއްވައިފިއެވެ.

ސްރީލަންކާގެ ވަގުތީ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެން، މިއަދު ދެއްވި ބަޔާނެއްގައި ވިކްރަމަސިންހަ ވިދާޅުވީ، ވަގުތީ ރައީސްގެ ހައިސިއްޔަތުން ނިންމެވި ފުރަތަމަ ނިންމެވުމަކީ ރައީސްގެ ލަގަބުގެ ކުރިއަށް ބޭނުން ކުރަމުން ދިޔަ "ހިޒް އެކްސެލެންސީ" ނުވަތަ "އިއްޒަތްތެރި" އެ ލަފުޒު، މިއަދުން ފަށައިގެން ބޭނުން ނުކުރުމަށް ނިންމެވި ނިންމެވުން ކަމަށެވެ.

ދެވަނަ ނިންމެވުމަކީ ރައީސްއަށް ކަނޑައަޅާފައިވާ ރިޔާސީ ދިދަކޮޅު އުވާލެއްވުން ކަމަށާ، ގައުމަށް މިއަދު ބޭނުން ވަނީ އެއް ދިދައެއް ކަމަށް ވިކްރަމަސިންހަ ވަނީ ހާމަ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ވަގުތީ ރައީސްގެ ހައިސިއްޔަތުން، ކުރިއަށް އޮތް ދުވަސްތަކުގައި ހާސިލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ އަމާޒުތަކެއް ވިކްރަމަސިންހަ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ. އެގޮތުން ސްރީލަންކާގެ ގާނޫނު އަސާސީއަށް ހުށަހަޅާފައި ވާ 19 ވަނަ އިސްލާހް އަލުން ތަންފީޒު ކުރުމަށް ކޮންމެހެން ބޭނުންވާ ބިލްތައް ހުށަހެޅުމުގެ މަސައްކަތާއި، އަންނަ ހަފުތާގައި އިސްލާހް މަޖިލީހަށް ހުށަހެޅުމަށް އާ ރައީސްއަކު އިންތިހާބު ކުރުމުގެ ކަންކަން ކުރުމާއި، ގައުމުގައި ގާނޫނު ނެގެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނޭކަން ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.

އާ ރައީސަކު ހޮވުމަށް މަޖިލީސް މެންބަރުންނަށް ފިއްތުންތައް ކުރިމަތި ކުރަމުން ދާއިރު، އެ މެންބަރުންގެ ސެކއިރުޓީ ވަރުގަދަ ކުރެއްވުމާއި، ގާނޫނު ނެގެހެއްޓުމަށް ހާއްސަ ބާރެއް އެކުލަވާލުމާ، ހުރިހާ ޕާޓިއެއް ޝާމިލުވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެއް ގަލަކަށް އެރުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލާފައި ވާ ގޮވާލުންވެސް ފާހަގަ ކުރަން ޖެހެއެވެ.

ގާނޫނު ހިމާޔަތް ކުރައްވާނެ ކަމަށާ، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވަގުތީ ރައީސް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ޕާޓީއެއް އެއްބައެއްވަންތަ ބައެއް ކަމުގައި ހައްދަވާ، ގައުމުގެ ކުރިއެރުމަށް، އެކުގައި މަސައްކަތް ކުރެއްވުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް، މިއަދުގެ ވަގުތެއްގައި ވަގުތީ ރައީސް ކަމުގެ ހުވާ ކުރެއްވި ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ވަގުތީ ރައީސް ކަމުގެ މަގާމަށް ވިކްރަމަސިންހަ ހަމަޖައްސާފައި ވަނީ، އެ މަގާމުގައި ހުންނެވި އިންތިހާބީ ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް އާންމުންގެ ޕްރެޝަރު ބޮޑުވެ، ޖުލައި 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، ގައުމު ދޫކުރައްވާ، ދިވެހިއްރާޖެއަށް ފިއްލެވި ހިސާބުންނެވެ. ގޮތަބާޔާ ވަނީ ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންފައެވެ. ހަބަރު ލިބޭ ގޮތުގައި ގޮތަބާޔާ ރާޖަޕަކްސަ ސިންގަޕޫރުން ދެން ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށެވެ.