މިއަދު އިސްތިއުފާ ދެއްވަން ވިދާޅުވި، ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފޯނުން އިސްތިއުފާ ދެއްވި ނަމަވެސް މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ލިބިވަޑައިގަންނަވަން ޖެހޭ ރަސްމީ ސިޓީ ނުލިބޭ ކަމަށް ހަބަރު ލިބިއްޖެއެވެ.

ލަންކާގެ ނޫސްވެރިން ބުނީ، މިރޭ (ޖުލައި 12، 2022) ދަންވަރު 12 ޖެހި އިރުވެސް އެސިޓީ ނުލިބޭ ކަމަށާއި، އެހެން ކަމުން، އެހެން ކަމުން ބެލެވެނީ، ސިޓީ ފޮނުއްވާނީ، ގޮތަބަޔާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމުން ކަމަށެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ މިރޭ ދެއްވި ބަސްދީގަތުމެއްގައި، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވި ކަމަށާއި، ނަމަވެސް ރަސްމީ ސިޓީ ބޭނުންފުޅުވާތީ މިރޭ (ޖުލައި 12، 2022) ގައި ސިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައ ހުންނެވި ގޮތަބަޔާ، މިރޭ ފުރަން އޮތް ސިންގަޕޫރު އެއާލައިންސްގެ ފްލައިޓް SQ437 އިން ފުރާވަޑައިގެންފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނެފައި ވަނީ، ގޮތަބަޔާ މިރޭ ފުރާވަޑައި ނުގެންނެވީ، ސިންގަޕޫރު އެއާލައިންސްގައި އާންމުންނާއެކު ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާތީ އާއި އާންމުންގެ ފަރާތުން ރައްދުވެދާނެ ހުތުރު ބަސްތަތަކުން ސަލާމަތްވެވަޑައިގަތުމަށެވެ. އަދި އޭނާ ވަނީ، ސިންގަޕޫރަށް ވަޑައިގަތުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސަވައިދެއްވަން ރައީސް އިބްރާހިމް މުހަމައްދު ސޯލިހުގެ އަރިހުގައި އެދިވަޑައިގަންފައި ކަމަށްވެސް ނުރަސްމީ ރިޕޯޓުތައް ބުނެއެވެ.

ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވާނެ ކަން ގޮތަބަޔާ ވަނީ މީގެ 3 ދުވަސް ކުރިން އިއުލާން ކުރައްވާފައެވެ. އޭރު އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް، އެ ސިޓީ މަޖިލީހުގެ ރައީސްގެ އަތްޕުޅަކަށް ނާރުވައެވެ. އޭގެ ބަަދަލުގައި ގޮތަބަޔާ ބެއްލެވީ، ގައުމު ދޫކުރައްވައި ވަޑައިގަންނަވާށެވެ. ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން، ދުބާއީއަށް ވަޑައިގަތުމަށްވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން އޮފިޝަލުން ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން ދެކޮޅު ހެދުމުން، ރޭ މެންދަމު ރާއްޖެއަށް ވަޑައިގަތީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ގޮތަބަޔާ އިންނެވި ބޯޓު ރާއްޖެއަށް ދަތުރު ކުރި އިރު، ރާއްޖެއިންވެސް ފްލައިޓް ޖައްސަން ފުރަތަމަ ހުއްދައެއް ނުލިބެއެވެ. ނަމަވެސް ފަހުން، ގޮތަބަޔާ ރާއްޖެއަށް ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް ކަމަށް އެންގުމުން ހުއްދަ ދިނީ ކަމަށް ބުނެއެވެ.

ގޮތަބަޔާ ރާއްޖެއަށް ވަޑައިގެންނެވި މައްސަލަ ބޮޑުވެ އާންމުން ކަންބޮޑުވެފައި ތިބި އިރު، ރޭ ގޮތަބަޔާ ލައްޕަން (ރިސީވް ކުރަން) ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަތެވެ. ނަމަވެސް އެކަމާ ގުޅިގެން ރައީސް ނަޝީދުވެސް އަދި ސަރުކާރުންވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޑިޕްލޮމެޓިކް އުސޫލުތައް ހުންނަ ގޮތުން، އެއްވެސް ޑިޕްލޮމެޓަކަށްވެސް އަދި ރައީސަކަށްވެސް، އަދި ބޯޓުތަކަށް ވެސް އެއް ގައުމުން އަނެއް ގައުމުގެ ވައިގެ ސަރަހައްދަށް ވަދެވޭނީ، ޑިޕްލޮމެޓިކް ކްލިއަރެންސް ހޯދައިގެންނެވެ. އެހެން ކަމުން މިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ދައުރު ބޮޑު ނަމަވެސް އެ މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

ގޮތަބަޔާ އާ ގުޅެ ގޮތުން ލިބޭ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، އޭނާ މިހާރު ހުންނެވީ، ރިސޯޓެއްގައެވެ.