ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިލުވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ) އިން ނިންމައިފިއެވެ.

އެމްއެންޕީން ބުނީ، ލަންކާ ސިޔާސީ އަދި އިގުތިސޯދީ އަނދަވަޅެއްގައި އޮތް މި ދަނޑިވަޅުގައި، ރައްޔިތުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ ހަޅުތާލުތަކާ ގުޅިގެން، ކުއްލި ގޮތަކަށް، އެއުމުގެ ރައީސް ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އެގައުމުގެ ގިނަ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފުރަތު ރާއްޖެއަށް އަމާޒުވެފައިވާ ކަމަށެވެ.

މިކަމަކީ އެމްއެންޕީން ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެޕާޓީން ބުނެއެވެ. .އެކަންބޮޑުވުން ގުޅިފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށް އެމްއެންޕީން ބުނެއެވެ. އެކަންކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުފާރި ކުރުވާ، ދިވެހިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭހެން ދިވެހި ދައުލަތުން އަވަސް ފިޔަވަޅު އެޅުމަށް އެމްއެންޕގެ ޕީޖީ ގްރޫޕުން މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ހުށާހެޅި ސިޓީގައި ފާހަގަކުރި ފުރަތަމަ ކަންބޮޑުވުމަކީ، ސްރީލަންކާގެ ރައްޔިތުންގެ ނަފްރަތު އެގައުމުގެ ސަރުކާރަށް އިންތިހާ ދަރަޖައަށް ކުރިމަތިވެ، ރައްޔިތުންގެ މުޒާހަރާތައް ސަލާމަތީ ބާރުތަކަށް ކޮންޓުރޯލް ނުވެ، ރާއްޖެއިން ސްރީލަންކާގެ ރައީސް ފިއްލެވުމަށް އެހީތެރިންކަން ފޯރުކޮށްދިންކަމަށް އެގައުމުގެ ރައްޔިތުންނަށް ގަބޫލު ކުރެވޭތީ އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔތުންނަށް ދިމާދާނެ ނުރައްކަލާ ދުއްތުރާވުން ކަމަށް އެމްއެންޕީން ބުނެއެވެ.

މިޕާޓީން ކަށަވަރު ކުރަން ބޭނުންވަނީ ދިވެހިސަރުކާރުގެ މިއަމަލާއި ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ކޮންމެ ނުރައްކަލެއްގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާބިލްކަން ދިވެހި ސަރުކާރަށް ލިބިގެންވޭތީއާއި ސްރީލަންކާގެ ސަރުކާރުގެ އަމުރުމައުރޫފް ނުހިންގޭ މިހާލަތުގައި ދިވެހި ސަރުކާރަށް މިކަންކަން ކުރެވޭނެ ކަމާމެދު މިޕާޓީއަށް ސުވާލު އުފެދޭ ކަމެވެ.
އެމްއެންޕީ

ދެވަނަ ކަންބޮޑުވުންގުޅިފައިވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސަލާމަތާއި ރައްކާތެރިކަމާ ކަމަށް އެމްއެންޕީން ބުނެއެވެ. އަދި ފަހު ކަމެއްގެ ގޮތުގައި ސަރުކާރުގެ މިފިޔަވަޅުގެ ސަބަބުން ދިމާވެދާނެ ނުރައްކަލާއި ނުރައްކަލުގެ އެސެސްމެންޓެއް ހައްދަވާފައިވާކަން ދޭހާވާނެ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ނުފެންނަ ކަމަށް އެމްއެންޕީން ބުނެއެވެ،

އެމްއެންޕީން ވަނީ މިކަންކަމަކީ ދިވެހިރާއްޖޭ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ގުޅިފައިވާ ކަންކަން ކަމަށްވާތީ، އެމްއެންޕީ ޕީޖީ ގުރޫޕުގެ ފަރާތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ސަކާމަތީ ހިދުމަތްތަކާބެޅޭ ކޮމިޓީއާއި ލާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން މިކަންކަން ބަލާ ސަރުކާރުން އަޅަން ޖހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އެދިފައެވެ.

އަދި މި މައްސަލަ ބެލުމުގައި ސަރުކާރުން ސްރީލަންކާގެ ރައީސްއަށް ދެއްވާފައިވާ ވިސާގެ ބާވަތާއި، އެފަދައިން އަމަލުކުރި ސަބަބު އޮޅުން ފިލުވައި ދިނުމަށް އެމްއެންޕީން ވަނީ އެދިފައެވެ.