މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އެގައުމުގެ ވަގުތީ ރައީސް ކަމަށް އައްޔަން ކޮށްފިއެވެ.

ލަންކާގެ ވަގުތީ ރައީސަކަށް ރަނިލް މިއަދު އައްޔަނު ކުރައްވާފައި ވާކަމަށް ވިދާޅުވެ، މިވަގުތު ރައީސްގެ ގޮތުގައި ހުންނެވި، އަދި މަގާމުން މިއަދު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ގޮތަބަޔާ ރާޖަޕަކްސަ ވަނީ އެކަން އަންގަވައި ލަންކާގެ ގާނޫނު ހަދާ މަޖިލިހަށް ސިޓީއެއް ފޮނުވާފައި ކަމަށް، އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޔަޕާ އަބޭވަރުދަނާ ވިދާޅުވީ، ލަންކާގެ ވަގުތީ ރައީސް ކަމަށް ރަނިލް އައްޔަން ކޮށްފައި ވަނީ، ގޮތަބަޔާ ގައުމު ދޫކުރައްވައި ވަޑައިގެންފައި ވާތީ، އެގައުމުގެ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ރަނިލް ވަގުތީ ރައީސަކަށް އައްޔަން ކުރައްވާފައި ވާއިރު، ލަންކާގައި ހިންގި ކާފިއުވެސް ވަގުތީ ގޮތުން ހިފަހައްޓަވާފައި ވާކަމަށް ހަބަރުތައް މިހާރު ލިބެއެވެ. ކާފިއު ހިފެހެއްޓީ ރައީސްކަން ލިބިވަޑައިގަތުމުން އަލުން ހިންގަން ކަމަށާއި ކުރިން ނެރުއްވި ކާފިއުއާ ޕާޓީތަކާއި ސަލާމަތީ ހިދުމަތްތަކާއި ބަންޑާރަ ނައިބުގެ އެއްބާރުލުން ނުލިބުމުން ކަމަށް ހަބަރުތައް ބުނެއެވެ.

އެ ގައުމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އާއި ބައެއް މަސްދަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ.

ލަންކާގެ ވައިގެ ސިފައިން އާންމުކުރި ބަޔާނެއްގައި ބުނީ، ގޮތަބަޔާގެ ދެކަނބަލުން، ސެކިއުރިޓީ ދެ އޮފިސަރަކާ އެކު ރާއްޖެއަށް ވަޑައިގެންފައި ވަނީ، އޭނާ އަށް ގާނޫނީގޮތުން ލިބޭ ހައްގުތަކުގެ މަތިން، ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދަ އާ އެކު، ލަންކާގެ އެއާޕޯޓުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

އެ ފްލައިޓް އެއާޕޯޓަށް ޖެއްސި ވަގުތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވެ ވަޑައިގަންނަވާ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. ސީއެންއެން އިން ބުނާ ގޮތުގައި އެ ފްލައިޓް ވެލާނާ އެއާޕޯޓުގައި ޖައްސަން ހުއްދަ ނުދިނަސް، އެކަން ބަދަލުވީ ނަޝީދު އެކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ އާންމުން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ނަޝީދު ވެސް ހުންނެވީ ހަނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަށް ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ޖަވާބެއް ދެއްވާފައިނުވާއިރު، ފޮރިން މިނިސްޓްރީން ބުނީ އެ މައްސަލައާ މެދު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިކަމާ ބެހޭ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް، އެ އިދާރާއިން ވަނީ ބުނެފައެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ދަށަށް ގޮސް އެގައުމުގެ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދިރިއުޅުއްވާ ގެކޮޅުގައި ހުޅުޖަހައި ރޯކޮށް، ގެއްލުން ދީފައި ވާއިރު، އެ ދެ ބޭފުޅުންވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާން ކުރައްވާ ފައެވެ. އަދި އިސްތިއުފާގެ ސިޓީގައި ގޮތަބަޔާ ސޮއިކުރައްވައި، މިއަދުގެ ތާރީހު ޖައްސަވާފައި ވާއިރު، އޭނާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންނެވި އިރު، ދިވެހި ސަރުކާރަށް ނޭނގި އޮވެދާނެ ކަަމާމެދު ސުވާލު އުފެދެއެވެ.