ޔޯގާ ހަރަކާތް ހިނގި ވަގުތު ބަޔަކު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް ވަކީލުން ބުނެފިއެވެ.

ރޭ ލެވެންޑާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މުހައްމަދު އިސްމާއިލްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައިވެސް ނުވާ ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރުކޮށްގެން އުޅެނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

ފުލުހުންނަކަށް ވިދާޅެއް ނުވެވުނު މުހައްމަދު އިސްމާއިލް ޓެރަރިޒަމްގެ އަމަަލެއް ހިންގުމަށްޓަކައި ކުރި ކަމެއް. އަދި ލޯފުލް އެސެމްބްލީއެއް އަންލޯފުލް އެސެމްބްލީއަކަށް ބަދަލުކުރުމަށްޓަކައި މުހައްމަދު އިސްމާއިލް ކުރި އެއްވެސް ކަމެއްް. އަދި ލޯފުލް އެސެމްބްލީއެއް އަންލޯފުލް އެސެމްބްލީއަކަށް ބަދަލުވެގެން ދިޔަ މަރުހަލާގައި މުހައްމަދު އިސްމާއިލުގެ އެއްވެސް އަމަލެއް ހިމެނޭކަމަށް ފުލުހުންނަށް ވިދާޅެއް ނުވެވުނު
ގާނޫނީ ވަކީލު އަލީ ޝާހު

މުހައްމަދު އިސްމާއީލް ބަންދު ކޮށް ފުރަތަމަ 5 ދުވަހުގެ މުއްދަތެއް ޖެހުމަށް ފަހު މިހާރު ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.

މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.

އަދި އެ ހާދިސާ އާ ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މުހައްމަދު އިސްމާއީލާއި ޕީޕީއެމްގެ 2 އެކްޓިވިސްޓަކު ހައްޔަރު ކުރި އިރު، ޔޯގާ ހަމަނުޖެހުން ހިންގި ބައެއް ފަރާތްތަކަށް ޕީޕީއެމްގައި ބޭނުން ކުރާ ދިދަ އާއި ބައެއް ތަކެތި ދިނީ އެމީހުން ކަމަށް އޮތީ ޝައްކު ކޮށްފައެވެ. އަދި ޔޯގާ ހިންގި ދުވަހު ފަތިހު 5 ޖެހި އިރު، އެމީހުން ދިދައާއި ތަކެތި ޕާޓީ އޮފީސް ތެރޭގައި ގެންގުޅޭ ފޮޓޯތައް ވަނީ އާންމުވެފައެވެ. އަދި އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި އޮތް އިވެންޓް ހުއްޓުވާ ހިންގި ހަމަ ނުޖެހުމަށް ބޭނުންކުރި ބައެއް ތަކެތި ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.