ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލުމަށް ޕާޓީގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގައި ތިބެެގެން އެމްޑީޕީގެ ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތް ކުރުން ކަމަށެވެ.
މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބެމުންދާ ތާއީދު ނަގާލުމަށް ޕާޓީގެ ތެރެއިން ބަޔަކު ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލާ ފިތުނަ އުފެއްދުމަށް ޕީޕިއެމްއަށް ވުރެ ބުރަ މަސައްކަތް އެމީހުން ކުރަމުންދާ ކަމަށެވެ.
އެމްޑިޕީ މިހާރު ވަނީ ދެބައި ވެފައެވެ. ދެ ފެކްޝަނެއްގެ ގޮތުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް ތިބި މެންބަރުން ދެބައި ވެފައިވާ އިރު ދެން އެންމެ ވާދަ ވެރި އިންތިހާބަކަށް ވާނީ އަންނަ ރިޔާސީ އިންތިހާބަށް ނަގާ ޕްރައިމަރީ ވޯޓެވެ.
އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހްވެސް ވަނީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަޝްރޫއުތައް ފަށާފައި ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެރިކަން ދަމަހައްޓަން އެދޭ ނަމަ، އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ބޭފުޅުންގެ ތާއީދު އޮތީ ރަައީސް ސޯލިހަށް ކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ.