ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މިއީ މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތު ޖެހި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އޭނާއަށް ބަންދަށް ޖަހާފައިވަނީ 9 ދުވަހެވެ.
މުހައްމަދު އިސްމާއީލްގެ އިތުރުން އެދުވަހު ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ވެސް ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ރައްޒާން މިހާރު ވަނީ ދޫކޮށްލާފައެވެ.
މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.
އަދި އެ ހާދިސާ އާ ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.
ކުށްވެރިން ތިބޭނީ ހައްޔަރުގައި.