މި އަހަރު މުދަލުގެ އަގު އަދިވެސް އުފުލޭނެކަމަށް ލަފާކުރެވޭ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި އަހަރު ރާއްޖޭގައި އެންމެ ބޮޑަށް އަގު އުފުލުނީ ކާބޯތަކެތީގެ އަގު ކަމަށެވެ.

ކާބޯތަކެތީގެ އަގު އުފުލުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި އަމީރު ފާހަގަ ކުރެއްވީ ކޮވިޑް 19 އާއި ރަޝިޔާއާއި ޔޫކުރެއިނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމެވެ. އަދި ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލެމުން އަންނާތީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލޭނެކަމަށް ލަފާކުރައްވާ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލާއިރު ކޮވިޑުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގުތިސޯދަކީ ދުނިޔޭގެ އިގުތިސޯދުތަކުގެ ތެރެއިން އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އެއް އިގުތިސޯދު ކަމަށެވެ.

މިހާރު މުދަލުގެ އަގުތައް ހުރި ގޮތަށް ބަލާއިރު، 2.8 ޕަސެންޓް ވަނީ އުފުލިފައެވެ. އެމްއެމްއޭއިން ހުސްވި ހަފްތާގައި އާންމު ކުރި ހިސާބުތަކަށް ބަލާއިރި ދަތުރު ފަތުރާއި، ތެލާއި ކާބޯތަކެއްޗާއި އެނޫން ދާއިރާތަކުންވެސް އަގުތައް ވަނީ އުފުލިފައެވެ.