ޗައިނާގެ މައި ސަރުކާރާ ހޮންގްކޮންގް ހަވާލު ކުރިތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބާއާ ދިމާކޮށް ޗައިނާގެ ރައީސް ޝީ ޖީންޕިންގް ދާދި ފަހުން ހޮންގްކޮންގްއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނާ ބައްދަލު ކުރެއްވި ހޮންގްކޮންގްގެ މަޖިލީސް މެންބަރެއް، 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޮންގްކޮންގްގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޗައިނާގެ މައި ސަރުކާރަށް ތާއީދު ކުރާ އެންމެ ބޮޑު އެއް ޕާޓީގެ މެންބަރެއް ކަމަށް ވާ ސްޓީވަން ހޯ، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޝީއާ ބައްދަލުކުރެއްވިތާ 2 ދުވަސް ފަހުން ކަމަށް ހަބަރު ލިބެއެވެ.

ޝީއާއެކު ހޯ ފެންނަ ފޮޓޯއަކީ ޖޫން 30 ވަނަ ދުވަހުގެ ފޮޓޯއެއް ކަމަށާ، އެ ދުވަހު ހޯ ހެއްދެވި ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ދައްކާފައި ވަނީ ނެގެޓިވް ކޮށް ކަމަށް ހޯ ވަނީ ހާމަ ކުރައްވާފައެވެ. އެ ފޮޓޯއަކީ ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއަކަށް ވާ އިރު، އެ ބައްދަލުވުމުގައި 80 ވަރަކަށް މީހުން ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ 80 މީހުންނަކީވެސް ހޮވާލެވިގެން ބައިވެރިވިވި މީހުން ކަމަށް ހަބަރު ލިބެއެވެ.

ޝީގެ ހޮންގްކޮންގް ދަތުރުފުޅާ ދިމާކޮށް، ކޮވިޑަށް ޓެސްޓުކޮށް، ކަރަންޓީނުކޮށް އެކަހެރި ކުރުމުގެ މަސައްކަތް ފުޅާ ކުރިއެވެ. އެއްގަމާއި ވައިގެ ދޮރުތައް ބަންދުވެސް ކުރިއެވެ.

ޗައިނާއަކީ ކޮންމެ އަގެއް އަދާ ކޮށްގެން ކަމުގައި ވީ ނަމަވެސް އެ ގައުމުން ކޮވިޑްގެ ބަލިމަޑުކަން ފޮހެލުމަށް 'ޒީރޯ ކޮވިޑް' ސިޔާސަތު ތަންފީޒު ކުރަމުން ދާ ގައުމެކެވެ. އެ ސިޔާސަތަކީ ބައްޔާއެކު ދިރިއުޅެން ދަސްކުރުމަށް މުޅި ދުނިޔެއިން ތަންފީޒު ކުރަމުންދާ އުސޫލުތަކާ މުޅިން ހިލާފު ސިޔާސަތެކެވެ.

ކޮވިޑް ނެގެޓިވް ކަމަށް ދައްކާފައި ވަނިކޮށް ޝީއާ ބައްދަލުކުރެއްވި އެމްޕީއަކަށް، ބައްދަލުވުމުގެ 2 ދުވަސް ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާ އިރު، ޝީގެ ކޮވިޑް ޓެސްޓުގެ ނަތީޖާއާ ބެހޭ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

ޝީގެ ސިއްހީ ހާލުކޮޅުގެ ވާހަކައަކީ ޗައިނާގައި އެންމެ ހައްސާސީ އެއް މައުލޫއެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ނުރައްކާތެރި ބަލިމަޑުކަމަކަށް ކޮވިޑް-19 ބަދަލު ވެގެން ދިޔައީ، ބަލީގެ ކުރީކޮޅު، މުހިންމު މައުލޫމާތުތަކެއް ޗައިނާއިން ފޮރުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ބައްޔަކީ ޗައިނާއިން އުފެދުނު ބައްޔެއް ކަމަށް ބުނާ ބުނުމަށް ޗައިނާއިން އިންކާރު ކުރި ނަމަވެސް، އެކަމާ ބެހޭ ފުރިހަމަ ތަހުގީގެއް ހިންގާ ދިރާސާ ކުރުމަށް މިހާތަނަށް ކުރި މަސައްކަތްތަކަށް އެ ގައުމުން ވަނީ ހުރަސް އަޅާފައެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެ އޮވެ، މިނިވަން ޕެނަލަކުން ކުރިއަށް ގެންދިޔަ ތަހުގީގުތައްވެސް އަދި ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.