ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ބިލު އުވާލަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލު އުވާލަން އިދިކޮޅުން ގޮވާލާފައިވަނީ އެ ބިލު ތަސްދީގުނުކުރުމަށް އެދި މީޑިއާ ކައުންސިލުން ގޮވާލާފައި ވަނިކޮށެވެ.
މިއަދު ނެރުނު ބަޔާނެއްގައި އިދިކޮޅުން ބުނީ، ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ގޮތަށް ހެއްކާ ބެހޭ ބިލު ފާސް ކުރުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ ބާރު ހަނިވެގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
އިދިކޮޅުން ބުނި ގޮތުގައި، ހެއްކާ ބެހޭ ބިލް މަޖިލިހުން ފާސްކޮށްފައިވަނީ، ސަރުކާރުންނާއި ވެރިކަންކުރާ އެމްޑީޕީގެ މެންބަރުން، ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާނެ ކަމަށް ބުނެ، ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތިއެވެ.
އަދި ހެއްކާ ބެހޭ ބިލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުތައް ހާމަ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އަޅައި އެކަން ހުއްޓުވުމަށް ބާރު އަޅާފައިވާ ބިލެއް ކަމަށް، އިދިކޮޅުން ތުހުމަތު ކުރެއެވެ. ވުމާއެކު، އެ ބިލު މިހާރުން މިހާރަށް އުވާލައި، ގައުމުގެ ޑިމޮކްރަޓިކް ހަމަތައް އިއާދަކުރުމަށް ގިނަ ޕާޓީތައް ބައިވެރިވާ މަޝްވަރާއަކަށް ދިއުމަށް އިދިކޮޅުން ވަނީ އެ ބަޔާނުގައި ގޮވާލައިފައެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ހެއްކާ ބެހޭ ބިލުގެ 136 މެދުގައެވެ. އެ މާއްދާގައިވާ ގޮތުން، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރު ޖެނެރަލް، ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.
މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީގުނުކުރައްވައި، އަނބުރާ ފޮނުވާލުމުގެ އިހްތިޔާރު ރައީސަށް އޮވެއެވެ