"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި، ސަރުކާރުން ގާނޫނުލްއުގޫބާތަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ބިލް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އެ ބިލު މަޖިލިހަށް ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ ރައްކާތެރިކަމާއި އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމަށެވެ.

އެ ބިލުގައިވާ ގޮތުން، ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ހަތް އަމަލެއް ގާނޫނީ ކުށްތަކުގެ ގޮތުގައި އެ ބިލްގައި ކަނޑައަޅާފައިވެއެވެ. އެ ކުށްތަކަކީ:

  • އެހެން ގައުމެއްގެ ދިދައަކަށް ނުވަތަ އެއްވެސް ރަމްޒަކަށް ބަދަލެއް ގެނައުން
  • އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމުތަކުގެ މުއައްސަސާތަކަށް ގެއްލުން ދިނުމާއި، ގެއްލުން ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އަނިޔާކުރުން ނުވަތަ އަނިޔާ އެއް ދިނުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އޭނާގެ ދީނީ އަދި ސަގާފީ އާދަކާދަތަކާ މެދު ނަފްރަތު އުފެއްދުން
  • އެހެން ގައުމެއްގެ ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ތަކެތި އާންމުކުރުން
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން
  • އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދި، އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކެއް ކުރިމަތިވާނެ ފަދަ އަމަލެއް ކުރުމާއި ކުރަން އުޅުން

އެ ބިލުގައިވާ ގޮތުން، އެހެން ގައުމެއްގެ ރައްޔިތުންނަށް، ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމެއްގެ މުއައްސަސާ އަކަށް ގެއްލުން ދިނުމަކީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. ފަސްވަނަ ދަރަޖައިގެ ކުށެއް ކުރާ މީހެއްގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ.

ބާކީ ހުރި ކުށްތަކަކީ އެއްވަނަ ދަރަޖައިގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ކުރާ މީހެއްގެ އަސާސީ ޖަލު ހުކުމަކީ ހަތަރު މަހާއި 24 ދުވަހެވެ. އަދި އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެހެންކަމުން، އެ ބިލް ގާނޫނެއްގެ ގޮތުގައި މަޖިލިހުން ފާސްކޮށް، އެ ބިލް ތަސްދީގުކުރުމާ އެކު، ސޯޝަލް މީޑިއާގައި ވެސް އިންޑިއާ އައުޓް ގޮވުން މަނާ ވާނެއެވެ.

ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ނެރުއްވާފައެވެ. ރައީސްގެ ގަރާރަށް ގޮންޖަހައި، އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތް އަދިވެސް ކުރިއަށް ގެންދާއިރު، ގާނޫނަށް އިސްލާހު ގެނެސްގެން ވެސް އެ ހަރަކާތް ހުއްޓުވުމަށް ސަރުކާރަށް ލަފާ ދިނުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.