"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން ނެރުނު ގަރާރު ބާތިލްކުރަން ސިވިލް ކޯޓަށް ޕީޕީއެމް އިން ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލަން ހިންގާ ހަރަކާތެއް ކަމަށެވެ.

ޕީޕީއެމްއިން ވަނީ އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭޕްރީލް 27ގައި ކޯޓަށް ހުށަހަޅާފައެވެ.

ނަމަވެސް އެ މައްސަލާގެ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުން މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ޕީއެމްއެމް އިން ކޯޓަށް ހާޒިރު ނުވުމުގެ އިތުރުން ކޯޓަށް ހާޒިރުނުވި ސަބަބެއް ވެސް އަންގާފައި ނުވާއިރު މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލާ ސަބަބެކެވެ.

ރައީސްގެ ގަރާރަށް ގޮންޖަހައި، އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތް ފުޅާކޮށްފައި ވާއިރު، މިފަހުން ބައެއް ވަޒީރުން ދިރިއުޅުއްވާ ގެތަށް ކައިރިއަށް "އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތައް އަޅައި، ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ސްޕްރޭ އިން ލިޔެފައި ވެއެވެ.

އިންޑިއާ އައުޓު ކުރަން އިދިކޮޅުން ހިންގާ ކެމްޕެއިން ކުރިއަށް ގެންދަން އެންމެ ވަރުގަދައަށް ހިތްވަރު ދެއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅަމުން ގެންދަވަނީ، އިރުއަރާ އޮއްސެއްދެން އިންޑިއާ އައުޓް ގޮވިއްޔާަ ވާނީ ކީއްތޯއެވެ.